އަންނަ މަހު ސްވިޒަލޭންޑްގައި ބާއްވާ ޔޫކްރޭން ސުލްހައިގެ ކޮންފަރެންސްގައި ޗައިނާއިން ބައިވެރި ނުވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޗައިނާއިން މިގޮތަށް ނިންމީ އެމެރިކާ އާއި ހުޅަނގުން ބޭނުންހާ ގޮތަކަށް ޗައިނާއިން ޢަމަލުތައް ބަހައްޓަން ބޭނުން ނުވާތީއެވެ. ހުޅަނގުން ބޭނުންވީ ރަޝިއާ އާއި އޮންނަ ގުޅުން ޗައިނާއިން ޔުކްރޭނާވެސް ބޭއްވުމަށެވެ. އަދި ޗައިނާއިން ރަޝިއާ ކުށްވެރި ކުރުމަށެވެ.
ޗައިނާއިން އަބަދުވެސް ބުނަމުން އައީ ބައިނަލްއަގްވާމީ ސުލްހައިގެ ކޮންފަރެންސެއް ރަޝިޔާ އާއި ޔޫކްރޭނުން ވެސް އެންޑޯސްކޮށް، ހުރިހާ ފަރާތްތަކެއްގެ ހަމަހަމަ ބައިވެރިވުމަކާއި އެކު، ހުރިހާ ސުލްހައިގެ ހުށަހެޅުންތަކާ މެދު އިންސާފުވެރި އަދި ހަމަހަމަ ގޮތެއްގައި މަޝްވަރާ ކުރުމަށެވެ. އެހެން ނޫންނަމަ އެކަމަށް އުނދަގޫވާނެ ކަމަށެވެ.
ޗައިނާއިން މި ސަމިޓުގައި ބައިވެރި ނުވާނެ ކަމަށް ރޮއިޓާސްއިންވެސް ވަނީ ބުނެފައެވެ. ރޮއިޓާސް އިން ބުނާ ގޮތުގައި ޗައިނާއިން ވަނީ މި ހަފްތާގެ ކުރީކޮޅު ސަމިޓަށް ދިން ދައުވަތަށް ދެކޮޅު ހަދައި، އެގައުމުގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް ބުނެފަ އެވެ.
ބެއިޖިން އިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ހަމަހަމަ ސިޔާސަތެއް ގެންގުޅުމަށް ބުނެފައި ވެއެވެ. މި ޝަރުޠުގެ ސަބަބުން ޗައިނާ މި ސަމިޓަށް "ޓާޓާ"އޭ ބުނުމުން ޔުކްރޭނުން ވަނީ ކަންބޮޑުވެފައެވެ.
"ސްވިޒަލޭންޑްގައި ބާއްވާ ސަމިޓުގެ ޕްލެޓްފޯމްގައި ޗައިނާ ފަރާތުން އެ ފުރުސަތުގެ ބޭނުން ނުހިފާތީ ވަރަށް ހިތާމަކުރަން،" ބެއިޖިންގައި ހުންނަ ޔޫކްރޭންގެ އެމްބަސީގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެ އެވެ.
ޒެލެންސްކީ މިހާރު އާދޭސް ކުރަނީ އެކި ޤައުމުތައް މެދުވެރިކޮށް ޕޫޓިންގެ ވިސްނުން ބަދަލުކޮށް ޔުކްރޭނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމެވެ.
ޖޫން މަހުގެ މެދުތެރޭގައި ބާއްވަން ހަމަޖެހިފައިވާ ސަމިޓަށް ދުނިޔޭގެ ބައެއް ހިސާބުތަކުން ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް ސްވިޒަލޭންޑުން އަމާޒު ހިފާފައިވާއިރު، މިއީ ޔޫކްރޭންގައި ސުލްހައިގެ މަރުހަލާއެއް ހިންގުމުގެ ބިންގާ އަޅާނެ ކަމެއް ކަމަށް ހުޅަނގުން ލަފާކުރި ކަމުގައި ވިޔަސް ، ހަނގުރާމަ ހުއްޓޭނީ ރަޝިއާ ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ވުމުން ކަމަށް ޕޫޓިން ވަނީ އާ ދައުރަށް ރައީސް ކަމުގެ ހުވާކުރި ދުވަހު އެމެރިކާއަށާއި ހުޅަނގަށް އިންޒާރު ދީފައެވެ.



