ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް މިހާރު ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށާއި އެ ސްކޫލުތަކަށް ފޮތްތައް ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.މިދިޔަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރުވެސް ސްކޫލުތަކަށް ފޮތްތައް ހަމަނުވާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރި އެވެ.ސްކޫލުތަކަށް ފޮތްތައް ލިބުން ލަސްވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ މި އަހަރު ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ގިނަ އަދަދެއްގެ ދަރިވަރުން ބަދަލުވި ކަމަށެވެ."ދަރިވަރުންގެ މޫވްމެންޓުގެ ސަބަބުން ބައެއް ސްކޫލުތަކަށް ފޮތްތައް ގިނަވެ، މަދު އަދަދެއްގެ ފޮތްތައް ބައެއް ސްކޫލުން މަދުވުމަކީ އާންމުކޮށް ހިނގާ ކަމެއް. މިފަހަރު ވެސް މިފަދަ ހާލަތެއް މަދުން ނަމަވެސް ހުރުން އެކަށީގެންވޭ، މިނިސްޓަރު ވިދާޅުވި އެވެ.ނަމަވެސް ހުރިހާ ސްކޫލުތަކަށް މިހާރު ފޮތްތައް ފޮނުވާފައިވާ ކަމަށާއި ރަނގަޅަށް ބަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ.