އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން މިއަދު ހެނދުނު ލޯންޗެއް ގޮސް އޭނަ މަރުވި މައްސަލާގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފި އެވެ.އެ ހާދިސާގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. އެއީ ބަންގްލަދޭޝްގެ މީހެކެވެ.ފުލުހުން ބުނީ ލޯންޗު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.އެނގިފައިވާ ގޮތުގައި އެ ލޯންޗު ދުއްވަން އިނީ އދ. މާމިގިލި ޒުވާނެކެވެ.ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގީ އާންމުކޮށް ފާނަ މަސްވެރިކަމަށް ނުކުމެ އުޅޭ ސަރަހައްދެއްގައި ކަމަށެވެ. އެއީ މާލެ ދަތުރު ކުރުމަށް ލޯންޗު ދުއްވައި އުޅޭ ސަރަހަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗު ދަތުރުކުރީ އިރު އަރައިގެން އައި ގަޑި ކަމަށް ވެފައި، އިރުގެ ދޯދި ތަކުން ބަޔަކު އެ ސަރަހައްދުގެ މޫދުގައި ތިބިކަން އެ މީހުންނަށް ފާހަގަ ނުވީ ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނާ ކަމަށެވެ.