އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވި ބިދޭސީ މީހާ އޮތީ ދެބުރިވެފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. އެ މީހާ ގެންދިޔައީ ދަނގެތި ސިއްހީ މަރުކަޒަށެވެ.އެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށު ހޮސްޕިޓަލަށް ގެންދިޔައިރު، އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ."ދެބުރި ވެފައޭ ވެސް ބުނެވިދާނެ، އެ މީހާ ގެނައި އިރު އޮތީ. ނޫނީ ފަޅިވެފައޭ ވެސް ކީދާނެ. ފަޅި ވެފައި އޮތީ، ހަމަ ދެފަޅި ވަކިން އޮތީ. މޭކަށިގަނޑުން ފެށިގެން ދެބުރި (ހަށިގަނޑުގެ ދެބައި) ވަކިވެފައި އޮތީ. ވީދައިގެން ގޮސްފައި އޮތީ. ބޯވެސް އޮތީ އެހެން،" މުއާވިޔަތު ވިދާޅުވި އެވެ."އޭނަ ނަގައި އައްސަލާފައި ބަނދެފައި މިހާރު އެ އޮތީ، ހޮސްޕިޓަލް މީހުން."މުއާވިޔަތު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ހިސާބަކީ އާއްމުކޮށް ފާނަ މަސްވެރިކަމަށް ނިކުމެ އުޅޭ ސަރަހައްދަށެވެ. އަދި އެއީ މާލެ ދަތުރު ކުރުމަށް ލޯންޗު ދުއްވާ އުޅޭ ސަރަހަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ރަށާ ވަރަށް ކައިރީގަ އޮތް ތިލައެއްގެ މަތީގައި އެ މީހުން ތިބީ ފާނަ މަސްވެރިކަން ކުރަން. އެމީހުން ތިލަމަތީ ތިއްބައި މާލެ ދަތުރުކުރާ ލޯންޗެއް ހެނދުނު ގަޑީގަ މާމިގިލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް މި ހާދިސާ މި ހިނގީ، ބަންގަލަދޭޝް މީހެއްގެ ގައިމަތިން ގޮސްފަ މި އޮތީ އެ ލޯންޗު،" އޭނާ ވިދާޅުވި އެވެ.އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗު ދަތުރު ކުރި ގަޑިއަކީ އިރު އަރައިގެން އައި ގަޑި ކަމަށެވެ. އެހެންވެ، އިރުގެ ދޯދި ތަކުން ބަޔަކު އެ ސަރަހައްދުގެ މޫދުގައި ތިބިކަން އެ މީހުންނަށް ފާހަގަ ނުވީ ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނި ކަމަށެވެ.ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓްގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަ ވެސް ނަގައިގެންނެވެ.އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ލޯންޗު ދުއްވަން އިން އދ. މާމިގިލީ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.