އދ. ދަނގެއްޗާ ކައިރިން އޮންނަ ތިލައަކަށް ފާނަ މަސްވެރިކަމަށް ފައިބައިގެން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މިއަދު މަރުވެއްޖެ އެވެ.ފުލުހުން ބުނީ ފާނަ މަސްވެރިކަމަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:55 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ."... ލޯންޗު ދުއްވި ކެޕްޓަން ވަނީ ހައްޔަރުކޮށްފައި. އެއީ ދިވެހި ފިރިހެނެއް،" އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފާހަގަކޮށް، ފުލުހުން ބުންޏެވެ.ދަނގެތީ ކައުންސިލްގެ މެންބަރު އިމްރާން އަހްމަދު ވިދާޅުވީ އެއީ އެ ހިސާބަށް ފާނަ މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއްގައި މަސައްކަތް ކުުރާ ބަންގްލަަދޭޝްގެ މީހެއް ކަމަށެވެ. އޭނާ ޖެހުނީ މާމިގިލިން ފުރައިގެން މާލެ ދިއުމަށް ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއްގެ ބުރަފަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ."މި ރަށުގެ އުތުރު ފަރާތުގައި ކުރިން ރިސޯޓު ހިންގި ރަންވެލި ކައިރިން، އެ ދިމާލުގައި އޮންނަ ކަނޑުއޮޅި މެދުގައި އޮންނަ ތިލަ އެއީ. ތިލައޭ ބުންޏަސް ދޯނި އެއްޗެހި ވެސް ދަތުރުކުރާނެ އެ ތިލަ މަތިން،" އިމްރާން ވިދާޅުވި އެވެ. 
އިމްރާން ވިދާޅުވީ އެ އެކްސިޑެންޓް ހިނގިއިރު އެ މީހުން ދަތުރުކުރި ދޯނި ވެސް ކައިރީގައި އޮތް ކަމަށާއި މަސްވެރިކަމަށް ފައިބައިގެން އުޅޭ ނަމަ ނަގަން ޖެހޭ ދިދަ ވެސް ނަގާފައި ހުރި ކަމަށެވެ.


