ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު, ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މަޖިލީހުން އެ ބިލު ފާސްކުރީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި އިސްއިއުފާ ދޭން ޖެހޭ ހާލަތްތައް ވަނީ ބަޔާންކޮށްފަ އެވެ. އެ ހާލަތްތަކަކީ:

  • އިންތިހާބުވި ޕާޓީ އަމިއްލައަށް ދޫކޮށްލުން
  • އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ދަފްތަރުވުން
  • އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން

މީގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެމްބަރަކު، މެމްބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިހާބު ކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރު ކުރުމެވެ.

އޭގެ އިތުރަށް ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއް ކަމަށް ހެދުމަކީ ވެސް އެ ގާނޫނުގެ މަގްސަދެކެވެ.