އައިމިނަތު ޒާރާ އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކައިވެންޏަށްފަހު އުމްރާއަށް ގޮސްފިއެވެ.
ޒާރާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ އެ ދެމަފިރިންގެ ޢުމްރާ ދަތުރުގެ ބައެއް ފޮޓޯތައް ޙިއްސާކޮށްފައެވެ.
ޒާރާއާއި ސިޔާމް ކައިވެނިކުރީ 10 ޑިސެމްބަރު 2024 ގައެވެ. މި ކައިވެންޏަކީ މުޅި ރާއްޖޭގައި ވެސް އެ ކައިވެންޏެއްގެ ވާހަކަ އެންމެ ގިނައިން ދެކެވުނު އެއް ކައިވެންޏެވެ.
ނަމަވެސް، ދާދި ފަހުން ޒާރާގެ ޒަވާޖީ ޙަޔާތާއި ބެހޭގޮތުން ފޭނުން އަޑު އަހަން ބޭނުން ނުވާ ކަހަލަ ވާހަކަތަކެއް ދެކެވުނެވެ. އެ ވާހަކަތަކާއި ގުޅިގެން ޒާރާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށް، އެ ވާހަކަތައް ދޮގުކޮށްފައެވެ.
"އަހަރެންގެ ފިރިމީހާއާ ބެހޭގޮތުން ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް. އަހަރެންގެ ފިރިމީހާއަކީ އެއްވެސް މީހަކަށް އަނިޔާކުރާނެ ކަހަލަ މީހެއް ނޫން." ޒާރާ އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ. ޒާރާ އާއި އަދި އޭނާގެ ޒަވާޖީ ޙަޔާތާއި ބެހޭގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އެދިފައެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ދެމަފިރިންގެ ޢުމްރާ ދަތުރުގެ ފޮޓޯތައް ޒާރާގެ އިންސްޓަގްރާމްގައި ޙިއްސާކޮށް އޭނާ ވަނީ "ބްލެސްޑް ވިތް ދަ ބެސްޓް" އަދި ސިޔާމް ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ.



