ފޮރިން އެފެއާޒް މިނިސްޓަރ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރ ޒަމީރު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 އިން 6 އަށް ކަމަށެވެ. މި ދަތުރުފުޅުގައި ލަންކާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރގެ މި ދަތުރުފުޅުގައި ލަންކާގެ ފޮރިން މިނިސްޓަރުގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާ އާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާކުރުމުގެ މަޝްވަރާތަކުގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ ލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިސް އެކްސެލަންސީ އެމް.ޔޫ.އެމް އަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.



