ކ. މާފުށީގައި މަސައްކަތް ކުރާ ޖަލު އޮފިސަރެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ 21:12 ހާއިރު ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ބަލައި ފާސްކުރި އިރު ވަގުތީ ބަރުދަނުގައި 38.4 ގްރާމް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



