މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން އައްޔަންކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ގައި ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާލެ ސިޓީ ކައުންސިލުގެ 3 ދާއިރާއެއްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާއާއި މައްޗަންގޯޅި މެދު ދާއިރާއާއި ހުޅުމާލެ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މަޤާމުތައް ހުސްވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އެބޭފުޅުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
އީސީގެ އިއުލާނުގައިވާ ގޮތުން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ ޖޫން މަހުގެ 14 ވާ ހުކުރު ދުވަހުގެ 16:00 ގެ ނިޔަލަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލް ކުރާނީ އީސީގެ ވެބްސައިޓު candidacy@elections.gov.mv އަށް ކަމަށް އީސީން ބުންޏެވެ.



