ސިޙުރުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ސިޙުރާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި، ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ތިންވަނަ ކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ސިޙުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއް ކަމަށާއި އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް ކަމަށެވެ. ޚުތުބާގައި ވަނީ ސިޙުރުހާހޫރާ ދުރުހެލިވުމަށާއި، މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާއެކު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ގޮވާލާފައެވެ.
ޚުތުބާގައި ބުނީ ސިޙުރުގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށެވެ. އަދި ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫން ކަމަށާއި، އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެއް ކަމަށް ޚުތުބާގައި ބުންޏެވެ. މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާ ކަމަށް ޚުތުބާގައި ބުންޏެވެ. މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.
ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވެފައެވެ.



