ކާކުގެ ރޭވުމެއް؟
ދިވެހިރާއްޖެއިން އެންމެ ފުރަތަމަ އިޒްރޭލާއި ސިޔާސީ ގުޅުން ޤާއިމް ކުރީ އިނިގިރޭސީންގެ އަތުން ރާއްޖެ ދަމައިގަންނަންވެގެން އިބްރާހީމް ނާޞިރުގެ ދުވަސްވަރުގައެވެ. ނާޞިރުގެ އެދުމަކަށްވީ ރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތް ކުރުމަށެވެ. އެކަން ޙާޞިލް ވުމާއެކު ހަމަ އެ ވެރިކަމުގައި 1974 ވަނަ އަހަރު ނާޞިރު ވަނީ އިޒްރޭލާއި އެކު އުފެއްދި ސިޔާސީ ގުޅުން ކަނޑާލާފައެވެ. އޭގެފަހުން ދެން އައީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމެވެ. ރައީސް މައުމޫން ގެންގުޅުއްވީ ޢަރަބިންނާއި ގާތް އަދި އިޒުރޭލާއި ދުރު ގުޅުމެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ 30 އަހަރުގައިވެސް އިޒްރޭލާއި ގުޅުން އުފައްދަން ރައީސް މައުމޫން ކުރެއްވީ ފާޅުގައި އިންކާރެވެ.
ނަމަވެސް މަލްޓިޕާޓީ ވެރިކަމުގެ ނިޒާމަށް ރާއްޖެ ބަދަލުވެ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އެމީހުން އަވަސްވެގަތީ ޔަހޫދީ އިޒްރޭލަކީ ދިވެހިރާއްޖެއާއި ގާތް ގުޅުން އޮންނަން ޖެހޭނެ ތަނަކަށް ހެދުމަށެވެ.
އެމްޑީޕީގެ ވިސްނުމަކީ ފަލަޞްޠީނުގެ މުސްލިމުން މަރަމުން އެމީހުންގެ ހަން ނަގައިގެން އެއިން ވިޔަފާރިވެސް ކުރަމުން ދިޔަ އަނިޔާވެރި ލާއިންސާނީ އިސްރާއީލުގެ ޔަހޫދީންނަށް ދިވެހި ބިމުގައި ހިމާޔަތް ދިނުމެވެ. ބަދަލުގައި އެމްޑީޕީގެ ސަރުކާރަށް އިޒްރޭލުން ޑޮލަރު ދޭނެތީއެވެ. މި ދަހިވެތިކަމުގައި ރާއްޖޭގެ ޓޫރިޒަމް ޔަހޫދީ އިޒްރޭލަށް އެމްޑީޕީން ހުޅުވާލިއެވެ. ޞިއްޙީ ޚިދުމަތް ދިނުމަށޭ ކިޔައި ޑޮކްޓަރުންގެ ނަމުގައި އިޒްރޭލުގެ ޔަހޫދީ އެޖެންޓުން ރާއްޖެ ގެނައުމުގެ ނުބައި ރޭވުން ވެސް ރޭވިއެވެ. ސައްތައިން ސައްތަ އިސްލާމީ ދިވެހި ކިޔަވާކުދިންގެ ޅަ ސިކުނޑިތައް ތަޣައްޔަރު ކުރުމަށްޓަކައި ތަޢުލީމީ ދާއިރާއިން އިޒްރޭލާއި އެކު އެއްބަސްވުންތަކެއްގައި ސޮއި ކުރީ 2009 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައެވެ. ރާއްޖޭގެ ސުކޫލުތަކުގައި އިޒްރޭލްގެ ޔަހޫދީންގެ ފަލްސަފާތައް ކިޔަވައިދޭ "ހޮލޮކާސްޓް" މާއްދާއެއް ހިމަނައި ކިޔަވައިދީ، ހުރިހާ ޓެކްސްޓް ފޮތްތަކުގައި ހުރި އިޒްރޭލާ ގުޅޭ މައުލޫމާތުތައް އިޒްރޭލުން ބޭނުން ގޮތަކަށް އިސްލާހުކުރުމަށް އެމްޑީޕީ ސަރުކާރުން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެކާވީސް މާއްދާގެ މައްޗަށް ހިމެނޭ އެ އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއުޔޯކުގައެވެ.
[އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު މެއި މަހު ޖެރޫސެލަމްގައި އިޒްރޭލު ސަރުކާރާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން. - ދިވެހިން އިޒްރޭލްގެ ޔަހޫދީން ދެކެ ނަފްރަތު ކުރާތީވެ އިޒްރޭލުން ހުށަހެޅީ ދުރުރާސްތާ ޕްލޭނަކާއެކު މަސައްކަތް ކުރުމަށް. އެގޮތުން ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހި ޅަ ސިކުނޑިތަކަށް ވިސްނުވައިދޭން އުޅުނީ "ހޮލޮކާސްޓް"، އަދި ރާއްޖޭގެ ފޮތްތަކުގައި އިޒްރޭލް ދެކެ މުސްލިމުން ހިތްހަމަނުޖެހޭ އެއްވެސް ވާހަކައެއް ނުލިޔުމަށް.. ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް]2011 ވަނަ އަހަރު ދިވެހި މުސްލިމުންގެ ފައިސާ ޚަރަދުކޮށް އެމްޑީޕީގެ ސަރުކާރުން އިޒްރޭލަށް ރަސްމީ ދަތުރެއް ކުރީ ދިވެހި ދައުލަތުގެ ނަމުގައެވެ. އޭރުގެ ފޮރިން މިނިސްޓަރު އިޒްރޭލަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ރާއްޖެއާއި އިޒްރޭލާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މިއީ އެމްޑީޕީގެ ސަރުކާރުން ރޭވި ހީލަތްތެރި ރޭވުންތަކެވެ. "ނަމުން" ފަލަޞްޠީނަށް ޙަމްދަރުދީ އެވެ. އެކަމަކު ޢަމަލުތައް ހުރީ ސީދާ އަބޫޖަހުލަށްވުރެ ނުބައިކޮށޭ އެމްޑީޕީގެ މި ޢަމަލުތަކުގެ ސަބަބުން ބައެއް މީހުން ބުނެއެވެ.
ސިއްރު ނުކުރެވުނު ހީލަތްތެރި އަނެއް ރޭވުން
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެޕާޓީއަށް އޮތީ މުޅި މަޖިލިސް ހިތުހުރި ގޮތަކަށް ދީފައެވެ. ވެރިކަން ހިންގަން ބޭނުން ކޮންމެ ގޮތަކަށް އެ ވެރިކަން ހިންގޭނެ ހުރިހާ މަގެއް ރައްޔިތުން އެމްޑީޕީއަށް ބޮޑތަނުން ފަހިކޮށްދިނެވެ. ޤާނޫނު އަސާސީއަށް އެމްޑީޕީން ބޭނުންވި ކޮންމެ ބަދަލެއް ގެނެވޭނެ މަގު އެމީހުންނަށް އޮތީ ފަހިކޮށްދީފައެވެ. އޭގެ ނާޖާއިޒް ފައިދާ ނަގައި އެމްޑީޕީން ކުރި ކަމަކީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމުގެ ބަދަލުގައި އިޒްރޭލްގެ ދިދަ އަށް ޙުރުމަތްތެރިކޮށް ނުހިތައިފި މީހަކު ޖަލަށް ލެވޭ ގޮތަށް ޤާނޫނޫ އަސާސީ އަށް ބަދަލު ގެނައީއެވެ. ނަފްރަތުގެ ބިލު ފާސްކޮށް 28 ނޮވެމްބަރު 2021 ގައި އެބިލު ތަޞްދީޤު ކުރިއިރު، މިއީ އެމްޑީޕީއިން ދިވެހި ރައްޔިތުންގެ މޫނުމަތީގައި ޖަހާލި ތަފާއްޔެކެވެ. އެމްޑީޕީން އޭރު މަޖިލިސްތެރޭގައި ޖެއްސި ވައްތަރުތަކާއި ރޭވި ހީލަތްތެރި ރޭވުންތައް ރައްޔިތުންނަށް ފަޅާއަރައި އެކަމާ އިހުތިޖާޖުވެސް ކުރިއެވެ.

ރާއްޖޭގައި ލާދީނީ ކިޔެން ފެށުނީ އެމްޑީޕީއާއި ހެދިއެވެ. ނިސްބަތް ކުރެވުނީވެސް އެމްޑީޕީގެ ބައެއް އިސް މީހުންނަށެވެ. އޭރުވެސް މިހާރުވެސް އެމްޑީޕީ އަކީ ހަމަ އެމްޑީޕީއެވެ. މިއަދު ފަލަޞްޠީނުގެ ދިފާޢުގައި ކަމަށް ބުނެ އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން އެމްޑީޕީން ވާހަކަ ދައްކާކަށް ލަދެއް ނުގަނޭހެއްޔެވެ؟ ތިޔަ ކުޅެނީ ހުސް ގޭމެވެ. އިޚްލާޞްތެރިކަމެއް ނެތް މަކަރުވެރި އެމްޑީޕީގެ ހިޔަޅު ބުއްދިއަށް ރައްޔިތުން ތިބީ ވަރަށް ފަރިތަ ވެފައެވެ.
ނިންމުން
އެމްޑީޕީގެ ވެރިކަން އޮއްވައި އެމީހުން މަސައްކަތްކުރީ އިޒްރޭލު މީހުން ރާއްޖެއަށް ގެނެސް ދިވެހިންނާއި މަސްހުނި ކުރުމަށެވެ. ޑޮލަރުގެ ދަހިވެތިކަމުގައި އެމްޑީޕީން އިޒްރޭލް ސަރުކާރާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށް ރާއްޖޭގެ ތަޢުލީމީ ނިޒާމު އިޒްރޭލު މީހުން ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ރާވައި އެގްރީމެންޓުގައި ސޮއިވެސް ކުރިއެވެ. އެއީ 2011 ވަނަ އަހަރުގައެވެ. ނަމަވެސް މިހާރު އެމްޑީޕީން އެހެން ލަވައެއް ކިޔަން ފަށައިފިއެވެ. އިޒްރޭލް މީހުން ރާއްޖެ އައުން ހުއްޓުވުމަށް ޤާނޫނަށް އިޞްލާޙެއް ހުށަހަޅަނީ އިޚްލާޞްތެރި ހިތަކުންނެއް ނޫނެވެ. މިއީ މިހާރު އެ ޕާޓީގެ ތާއީދު ގެއްލިފައިވާތީ، އަލުން ތާއީދު ހޯދުމަށް ޖަހާލި ޗައްކަރެކެވެ.



