އެކި ބާވަތުގެ ބޮޑެތި ކުށްތައް ކުރުމަށް ބޭނުން ކުރަމުންދަނިކޮށް ފުލުހުން މިފަހުން އަތުލައިގަތް ޓެލެގްރާމް ޗެނެލްތަކުުން ހަށިވިއްކުމަށް ބޭނުންކުރަމުން ދިޔަ ޓެކްސީގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30ގައި؛ އުމުރުން 60 އަހަރުގެ އެމީހާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އެއް ނެޓްވޯކަކުން ހިންގަމުން އައި ފަސް ޓެލެގްރާމް ޗެނަލެއް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ މަހު ފުލުހުން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ޗެނެލްތަކުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން މި މަހު 6 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ.

އެމީހުންނާ ގުޅުން އޮތް ހަތަރު ތަނެއް ފުލުހުން ބަލައި ފާސްކޮށް، ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އެންމެ ބޮޑަށް މި ގްރޫޕުތައް މެދުވެރިކޮށް އެމީހުންކޮށްފައި ވަނީ ހަށިވިއްކުމާއި ޑްރަގުގެ އެކި ބާވަތްތައް ވިއްކުމެވެ.

ހަށިވިއްކުމުގެ ވިޔަފާރިއަށް ހާއްސަ ޓެކްސީއެއް ހާއްސަ ކުރެވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ފުލުހުން މިއަދު 'ދައުރު' އަށް ބުނިގޮތުގައި މި ޓެކްސީ ޑްރައިވަރު މިދިޔަ މަހުގެ 30ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 60 އަަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

މިދިޔަ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އިދާރާގެ ސައިބާ ކްރައިމް ސެންޓަރުގައި މަސައްކަތް ކުރައްވާ އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ މި މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކުރާ ދެމީހުން ނޫން ކަމަށެވެ.

 ނަމަވެސް މި ތަހުގީގަށް ފުލުހުން އެއްކުރި މައުލުމާތުތަކުން އެމީހުންނާ ގުޅިގައިވާ އެކައުންޓުތަކުން ފެނިފައިވާ ފައިސާގެ އަދަދު 2 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ކުށުގެ ރެކޯޑް އެންނަ މީހެކެވެ. އެ ދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ:

  • މަނީލޯޑަންރިން
  • ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުން
  • އޮރިޔާންކާޑު އުފެއްދުން/ބެހުން
  • ފޯޖު ޑޮކިއުމަންޓްތައް ތައްޔާރުކުރުން
  • އެކި އެކި ހޮސްޕިޓަލުތަކުގެ ނަމުގައި އެމްސީ ހައްދަދިނުން