ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފަޔާއެކު ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ލާރި ޗާޕްކުރުން ހުށްޓުމަކަސް ގެނެސްފައިވާ ކަމަށެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބިލްޑް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުގައި އެ ފަންޑުގައި ހުރީ ދެ ބިލިއަން ޑޮލަރު ކަމަށެވެ. ސަރުކާރާއި ހަވާލުވުމަށް ފަހު މިއަދާ ހަމައަށް އައިއިރު އެ ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 771 މިލިއަން ރުފިޔާއެވެ.
"ދެ މިލިއަން ޑޮލަރުގައިި ހުރި ފަންޑު 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާއިރު އަމާޒަކީ އެ ފަންޑު 100 މިލިއަން ޑޮލަރަށް އިތުރުކުރުން." މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެހެނިހެން އިދާރާތަކަށް 6.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
"ސަރުކާރު ކުންފުނިތަކަށް ކުރެވޭ ހޭދަ ކުޑަކުރަންޖެހޭ. ސަރުކާރުގެ ވެސް ހަރަދުތައް ކުޑަކުންޖެހޭ. މި މޭރުމުން މަސައްކަތް ކުރަނީ ސޭވްކުރެންހުރި ދާއިރާތައް ދެނެގަނެ. އިސްރާފު ކުޑަކުރުމަށް." މިނިސްޓަރު ވިދާޅުވިއެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.



