ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ރަހުމްނެތް އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގައި ރައްކާތެރިވާނޭ ކަަމަށް ބުނި ސަރަހައްދުތަކުން ފާއިތުވި 4 ދުވަސް ތެރޭގައި 66 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގައި ވަރަށް ފުޅާދާއިރާ އެއްގައި ހަރަކާތްތެރިވަމުން އަންނަ އިންސާނީ ހިލޭ އެހީދޭ ޖަމިއްޔާ އެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަން އިން ބުނެފިއެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މި ހަމަލާތައް ރަފަހްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްފައި ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން ހުކުމް ކުރިތާ ހަފްތާއެއް ވެސް ނުވަނީސް ކަމަށެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދުނިޔޭގެ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލަ ބައިނަލް އަޤްވާމީ މުޖުތަމައު އިން ބެލުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.
" ޔަހޫދީންގެ މި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުވި 66 މީހުންގެ ތެރޭގައި ވަރަށް ގިނަ ކުޑަކުދިން އެބަ ހިމެނޭ އަދި މިފަހުން ދޭން ފެށި ހަމަލާތަކުގައި ޝަހީދުވާ އަންހެނުން ވެސް ވަރަށް ގިނަ. ބައިނަލް އަޤްވާމީ މުޖުތަމައު މިހެން ބަލަން އޮވެގެން ހައްލެއް ނުލިބޭނެ މި މައްސަލައަށް. ފަލަސްތީނުގެ ކުޑަ ކުދިންގެ ހިމާޔަތުގައި އެބަ ޖެހޭ ދުނިޔޭގެ ގައުމުތައް ތެދުވާން. ކުޑަ ކުދިންނަކީ ހަނގުރާމަ އާއި އެއްވެސް ގުޅުމެއް ނުވާ މައުސޫމް ކުދިން އެ ކުދިންނަށް ހަނގުރާމައިގެ އަނިޔާ ލިބިގެން ނުވާނެ" ސޭވް ދަ ޗިލްޑްރަން ޖަމިއްޔާ އިން ނެރުން ބަޔާނެއްގައި ބުނެފައިވެއެވެ.
ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ފަލަސްތީނުގެ ރަފަހް ބިމާހަމަކުރަމުންނެވެ. އަދި ދުނިޔޭގެ ގައުމުތަކަށް ގޮށްޖަހައި އިންސާނީ ހައްޤުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އެދުމަށް ބީރު ކަންފަތެއް ދީ ރަފަހް އަށް ވަރުގަދަ އަށް ހަމަލާތައް ދެމުންނެވެ.
މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލްއާންމުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.



