ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 36،200 އަށްވުރެ މައްޗަށް އަރައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި 36،224 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 81،777 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި ނިރުބަވެރިން ވަނީ ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 53 މީހަކު ޝަހީދުކޮށްލާފައެވެ. އަދި އިތުރު 357 މީހަކަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެތަކެއް ބަޔަކު ޝަހީދުކޮށްލާފައިވާ މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެއީ ނިރުބަވެރިންގެ ހަމަލާތަކުގައި އެތަކެއް އިމާރާތެއް ސުންނާފަތިވެ، އެ އިމާރާތްތައް ދަށުގައި ވެސް މީހުން ތިބެފާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
ނިރުބަވެރި އިސްރައީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން، އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ. ހަމާސް ޖަމާއަތާއި ދެކޮޅަށް ހަމަލާތައް ދޭ ކަމަށް ނިރުބަވެރިން ބުނި ނަމަވެސް މި ހަމަލާތަކުގައި އެންމެ ގިނައިން ޝަހީދުވެފައިވަނީ އާންމުންކަން ފާހަގަ ކޮށްލެވެއެވެ.



