ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު – މާލެ ތިލަފުށި ލިންކް މަޝްރޫޢުގެ %38 މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ %66 މަސައްކަތް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕައިލް ކެޕްގެ %46 މަސައްކަތާއި ޕިއަރ ކޮލަމްންސްގެ %48 ނިމިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އިތުރަށް ބުނީ މަޝްރޫޢުގެ ޑެކަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ %31 ކާސްޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓް ލޯންޗްކުރެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ނިންމުމަށް ހަމަޖެހިފައިވަނީ މާލެއިން ވިލިމާލެއަށް 31 ޑިސެމްބަރު 2025، މާލެއިން ގުޅީފަޅަށް 31 މާޗް 2026 އަދި ގުޅީފަޅުން ތިލަފުއްޓަށް 30 ސެޕްޓެމްބަރު 2026 ގައެވެ.
ތިލަމާލެ ބްރިޖުގެ މި މަޝްރޫއުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއުއަކީ އިންޑިޔާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި ބާކީ ބައި ދައުލަތުން ހަރަދު ކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ.



