ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އައްޑޫ ސިޓީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ބ. އޭދަފުށީ ފުޓްބޯޅަ ޓީމު މާލޭގައި ހޯދި ފަޚުރުވެރި ނަތީޖާގެ ޝަރަފާއެކު މިއަދު ބ. އޭދަފުއްޓަށް ދިޔުމުން ޓީމަށް ހޫނު މަރުޙަބާ ކިޔުމަށް އެރަށު އެންމެން ނުކުމެއްޖެއެވެ.
އޭދަފުށިން މަޢުލޫމާތު ލިބުނު ގޮތުގައި އެރަށު ޓީމަށް މަރުޙަބާ ކިޔުމަށްޓަކައި ރަށު ކައުންސިލާ ރައްޔިތުންނާ ގުޅިގެން އިއްޔެއިން ފެށިގެން މުޅި ރަށް ވަނީ ޒީނަތްތެރިކޮށް ދިދަތައް ދަމާފައެވެ. އެރަށަށް ވަނީ އީދެއް އައިސްފައެވެ. މުޅި ރަށުގެ ހުރިހާ އެންމެން ދަނީ ފޯރި ނަގަމުންނެވެ.
0-2 އިން އައްޑޫ ސިޓީ ބަލިކޮށް ތައްޓާއެކު ޓީމު މިއަދު ހަވީރު 4:30 ގައި ވަނީ އޭދަފުއްޓަށް ލަފާފައެވެ. އެ ރަށަށް ޓީމު ދިޔުމުން ރަތް ކުލައިގެ ހެދުމުގައި އެރަށު ރައްޔިތުން ނުކުމެ ރަސްމީ ފާލަން ދޮށަށް ވަނީ އެއްވެފައެވެ.

ފައިނަލު މެޗުގައި އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ނަގައި ދިން ކޯނަރު ފާއްޓޭ ބޮލުން ފޮނުވާލައިގެންނެވެ. އޭދަފުށީގެ ދެވަނަ ލަނޑަކީ ހަމްޕު ބޮލުން ޖައްސާލި ބޯޅައެއް ހޯދައި، ސެންޓޭ އޭރިއާތެރެއިން ކުޅުންތެރިއަކު ނައްޓާފައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.



