އިންޓަގްރޭޓެޑް ޓޫރިޒަމަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އައްޑޫ ހަންކެޑެ މަޝްރޫޢުގެ ދަށުން އަންނަ ޖުލައި މަހު ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމާ ބޭނުން ކުރެވެން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަންކެޑެ ބްރިޖުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިންމާ ޚިދުމަތަށް ހުޅުވާލެވޭނެ ކަމަށެވެ.
އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި ތާރު އެޅުމުގެ މަސައްކަތް ފެށީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ. މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނެއެވެ. މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުރެއެވެ.
ހަންކެޑެ މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 15 ގައެވެ. އޭގެ ދެތިން ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ހަންކެޑެ މަޝްރޫޢު ނިމޭއިރު 3780 ވަޒީފާގެ ފުރުޞަތު އުފެދިގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 2080 އެނދުގެ ހަންކެޑެ މަޝްރޫއު ނިމިގެންދާއިރު 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެއާ ގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކު އިތުރު 1800 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.
ހަންކެޑެ ތަރައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގައެވެ. އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
މި މަޝްރޫޢުގައި ޖުމްލަ 1,041 ކޮޓަރި ހިމެނެއެވެ.



