މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ދުންފަތާއި ދުރަށްދިއުމަށް އެހީތެރިވުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ދަމަނަވެއްޓާއިއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ
މި އެއްބަސްވުމުގެ ދަށުން، އެމްއޭސީއެލްގެ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލި އަދި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަޓަކައި މަސައްކަތްކުރެވިގެން ދާނެކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި ދަމަނަވެށީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ހެލްތް ކޯޑިނޭޓަރ މޫސާ ހަނީފްއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލް އަދި ދަމަނަވެށީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް އެހީތެރިވުމަށް މި އެއްބަސްވުމުގެ ތެރެއިން އެމްއޭސީއެލް ގެ އޮކިއުޕޭޝަނަލް ހެލްތް ޓީމުން ދަމަނަވެއްޓާއި ގުޅިގެން ކައުންސެލިން ދިނުމާއި، އެޑިއުކޭޝަނަލް ވޯކްޝޮޕް ހިންގުމާއި، ސަޕޯޓު ގުރޫޕް އުފެއްދުމުގެ އިތުރުން ތަފާތު އެކިއެކި ހަރާތްކާތަކުގެ ތެރެއިން ދުންފަތާއި ދުރައްދިއުމަށް މުވައްވައްޒަފުންނަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ބައިނަލް އަޤުވާމީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ދުވަހާއި ގުޅުވައިގެން އެމްއޭސީއެލް އިން ދަމަނަވެއްޓާއި އެކު ވެވުނު އެއްބަސްވުމުގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ދުންފަތުގެ ނުރައްކަލާއިމެދު ހޭލުންތެރިކަން އުފެއްދުމަށް ކުރެހުމުގެ މުބާރާތެއް ވަނީ ބޭއްވިފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން މުޅި އަހަރަށް ބަހާލައިގެން އެމްއޭސީއެލްގެ އިން ދަނީ ހަރަކާތްތައް ރާވާ ހިންގަމުންނެވެ.



