ކޮންމެ ފުލުސް އޮފިސަރެއްގެ ހަށިގަނޑުގައި ވެސް ޤައުމީ ލޭ ހިނގާކަން ފެންނަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަޚުރުވެރި ޔުނީފޯމުގައި ޤައުމީ ޚިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ޤައުމުދެކެ ލޯބިވާކަމާއި ޤައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.
ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން ޢަމަލާއި ބަހުން ދައްކަން އެބަޖެހޭކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ކިޔަވައިގެން މެނުވީ ފުލުހުންގެ ޚިދުމަތް ކުރިއަށް ނުދާނެކަމަށާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ ރާއްޖޭގެ މަގުތަކުގައި އަމާންކަން ޤާއިމްކުރެވޭނީ ވެސް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމަށާއި މަގުތައް ބިޒީވާ ގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން މަގުމައްޗަށް ނުކުމެ ހަމަހަމަކަމާއެކު ޤާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭކަމަށެވެ. އަދި އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.



