ދިވެހި ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބެ، ކުރާ ހުވަޔާއެއްގޮތަށް ޢަމަލުކުރުމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ގޮވާލައިފިއެވެ.
އިހުސާން މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އަސާސީ ތަމްރީނު ކޯހެއް ނިމޭ ދުވަސް ނުވަތަ ޓްރެއިންޑު ފުލުހަކަށްވާ ދުވަސް އެއީ ކޮންމެ ފުލުހެއްގެ ހަޔާތުގައި ވެސް އަންނަ އެންމެ މުހިންމު އެއްދުވަސް ކަމަށާއި އަދި އެއީ ޚިދުމަތުގެ ކުރީކޮޅު ކޮންމެ ފުލުހަކަށް ވެސް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީކަމަށެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމާއި ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބުކަމަށާއި މިކަން މިގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ފުލުހުން ކަމަށެވެ.
ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރިކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައަކަށް ހެދުމާއި ރާއްޖެއަކީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރުމާއި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބޭރު މީހުންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަން ކަމަށެވެ.
ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާ ގުޅޭ ފުލުހުން ވެރިންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމަށް ވެސް އިހުސާން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ދަޢުލަތުގެ އެތެރެއާއި ބޭރުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް ފުލުހުން ކުރާ ހުވާގެ މަތީގައި ނުގުޑާ ތިބުމަކީ އެފަދަ ހުރަސްތަކުގެ ތެރެއިން ފުލުހުންގެ މަޤުޞަދު ހާޞިލްވާނެ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާންގެ ވާހަކަފުޅު ނިންމަވައި ލެއްވީ، ދިވެހި ރާއްޖޭގެ އަމަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގަޔާ އަދި ތަމްރީނުވި ފުލުހުންނަށް ސާބިތުކަން ދެއްވައި ގައުމަށް ޚިދުމަތްކުރުމުގައި ފުލުހުންކުރާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަޠަޢާލާ ބަރަކާތްލެއްވުންއެދި ދުޢާކުރައްވަމުންނެވެ.



