ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި އެއްވެސް ދެއްކުންތެރިކަމެއް ބާއްވައިގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ޙައްޖަށް ފުރާ ޙާޖީންނަށް މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރަކީ ވަރަށްވެސް މާތް އަދި ބަރަކާތްތެރި ދަތުރެއް ކަމަށާއި މި ދަތުރުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާކުރަން ޖެހޭނީ އިޙުލާސްތެރިކަމާއެކު ﷲ އަށް ޓަކައި ޚާލިސްކޮށް ކުރެވޭ އަޅުކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މި އަޅުކަން އަދާކުރުމުގައި އެއްވެސް ދެއްކުންތެރިކަމެއް ބާއްވައިގެން ނުވާނެ ކަމަށާއި، އަޅުކަން އަދާކުރާއިރު ކީރިތި ރަސޫލާގެ ސުންނަތަށް ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރާއިރު ނުވަތަ ޠަވާފް ކުރާއިރު، އެހެން ޤައުމުތަކުގެ މީހުން ކަންތައް ކުރާ މަންޒަރު ފެނުނު ނަމަވެސް، އެ މަންޒަރުތަކަށް ތަބާވެގެން ތިމާމެންގެ އަޅުކަމުގެ ކަންކަން ހަލާކުނުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ޙައްޖު ކޯޕަރޭޝަނުގެ މެނޭޖްމަންޓުން މިފަހަރުގެ ޙައްޖުގެ ކަންތައްތައް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ތައުރީފްކޮށްފައެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. އެއީ އެހީތެރިން ނުލައި ޖުމްލަ 980 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.



