ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މިހުންގެ ފުރަތަމަ ގްރޫޕް މާދަމާ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. އެއީ އެހީތެރިން ނުލައި ޖުމްލަ 980 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިން ފުރަން ހަމަޖެހިފައިވަނީ 3 ގްރޫޕެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ގްރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު، މި ގްރޫޕުގައި 298 މީހުން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެއީ 272 ޙައްޖުވެރިންނާއި 26 އެހީތެރިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ގްރޫޕް ފުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. މި ގްރޫޕްގައި 353 މީހުން ހިމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ 330 ޙައްޖުވެރިންނާއި 23 އެހީތެރިންނެވެ. އަދި ތިންވަނަ ގްރޫޕް ޖޫން މަހުގެ 7 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު މި ގްރޫޕުގައި ހިމެނެނީ 339 މީހުންނެވެ. އެއީ 316 ޙައްޖުވެރިންނާއި 23 އެހީތެރިންނެވެ.
މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ޙައްޖަށް ފޮނުވާ 1000 ފަގީރުންގެ ތެރެއިން މިއަހަރު ފޮނުވާ 50 މީހުންވެސް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުރިހާ ޙައްޖުވެރިންވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސައުދީއެއާގައި ކަމަށެވެ. އަދި ފުރުން ހަމަޖެހިފައި އޮންނާނީ ކަނޑައެޅިފައިވާ ދުވަސްތަކުގެ މެންދުރު ފަހު 3:25 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކަންތައްތައް ފަސޭހަކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އެ ކޯޕަރޭޝަނުން ވަނީ މި އަހަރު ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށް ދާ ޙައްޖާޖީން އުޅޭތަން ވަގުތުން ބެލޭނެ ގޮތް ހެދުމަށް ޓްރެކިންގ ޑިވައިސް އެއް ދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ޓްރެކިންގ ޑިވައިސްގެ ޒަރިއްޔާއިން، ޙައްޖާޖީން ތިބޭ ތަން ވަގުތުން އެނގޭނެ ކަމަށެވެ. އަދި މަގު އޮޅުން ފަދަ ކަމެއް ޙައްޖާޖީއަކަށް ކުރިމަތިވެއްޖެނަމަ އެ ޑިވައިސް އަށް ފިއްތާލައިގެން އެމީހަކު ގެއްލިފައިވާކަން އެނގޭނެ ކަމަށެވެ.
މީގެ އިތުރުން ޙައްޖުގެ އަޅުކަމުގައި އުޅޭއިރު މިނާ ޓެންޓްގައި ހޭދަކުރާ ދުވަސްތަކަކީ ދިވެހި ޙާޖީން ކެއުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަމުންދާ ދުވަސްތަކަކަށްވާތީ، އެކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ވެސް ޙައްޖު ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.



