ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ވާ ގޮތުން އެސްޖީން ހޯދާ ރަށްތަކަކީ؛
- ހއ. ވަށަފަރު، ހއ. މުރައިދޫ
- ށ. ފޭދޫ، ށ. މަރޮށި، ށ. ފީވަށް
- ރ. ވާދޫ، ރ. މަޑުއްވަރީ، ރ. ރަސްމާދޫ، ރ. އިންނަމާދޫ
- ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، ބ. ހިތާދޫ
- ކ. ތުލުސްދޫ، އއ. ތޮއްޑޫ، އއ. މާޅޮސް
- އދ. ދިއްދޫ، އދ. ހަންޏާމީދޫ
- ވ. ފުލިދޫ، ވ. ތިނަދޫ، ވ. ރަކީދޫ، ވ. ފެލިދޫ
- މ. މަޑުއްވަރީ، ފ. ދަރަނބޫދޫ
- ދ. ރިނބިދޫ، ދ. ކުޑަހުވަދޫ، ދ. މާއެނބޫދޫ
- ތ. ގާދިއްފުށި، ތ. ތިމަރަފުށި، ލ. ދަނބިދޫ
- ގއ. ދެއްވަދޫ، ގދ. ވާދޫ
ސިވިލް ސާވިސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލަށް ދޭ މުސާރަ ކަނޑައަޅާފައި ވަނީ ތައުލީމީ ފެންވަރާއި ތަޖުރިބާގެ މުއްދަތަށް ބަލާފައި ދެ ކެޓަގަރީއަކަށް ކަމަށެވެ.
ދަށް މުސާރައިގެ ކެޓަގަރީއަށް ފެތޭ ދެ މިންގަނޑެއް ހިމެނެއެވެ. އެއިން މިންގަނޑަކަށް ފެތޭ މީހަކަށް ވަޒީފާ ދޭނަމަ އަސާސީ މުސާރައަކީ 8،835 ރ. އެވެ. އެގްޒެކެޓިވް އެލެވަންސްގެ ގޮތުގައި 6،450 ރ. ކަނޑައަޅާފައިވެއެވެ.
އެއް މިންގަނޑަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން މަދުވެގެން ޑިޕްލޮމާއެއް ހުރުން އަދި ފަސް އަހަރު ދުވަހު ކަމާ ގުޅުން ހުރި މަސައްކަތެއްގެ ތަޖުރިބާ ހުރުމެވެ.
އަނެއް މިންގަނޑަކީ ކޮންމެ ވެސް ދާއިރާއަކުން ޑިޕްލޮމާއެއް ދަށްވެގެން ހާސިލްކޮށްފައި އަދި މަސައްކަތުގެ މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
މަތީ މުސާރައިގެ ކެޓަގަރީއަށް ފެތޭ ތިން މިންގަނޑެއް ހިމަނާފައިވެއެވެ. އެއިން މިންގަނޑަކަށް ފެތޭ މީހަކު ވަޒީފާ ދޭނަމަ އަސާސީ މުސާރައަކީ 9،300 ރ. އެވެ. އެގްޒެކެޓިވް އެލެވަންސަކީ 6،800 ރ. އެވެ.
ފުރަތަމަ މިންގަނޑަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑިގްރީއެއް އޮވެފައި މަސައްކަތުގެ ތިން އަހަރުގެ ތަޖުރިބާއެވެ.
ދެވަނަ މިންގަނޑަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން މާސްޓާސް އޮވެފައި މަސައްކަތުގެ އަހަރު ދުވަހުގެ ތަޖުރިބާއެވެ.
ތިންވަނަ މިންގަނޑަކީ ކޮންމެ ވެސް ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި މަސައްކަތުގެ ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޖޫން 6 ގެ މެންދުރު 2:00 ގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މެއިލް admin@csc.gov.mv މެދުވެރިކޮށް ބަލައި ގަނެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.



