ޖޫން މަހުގެ މެދުތެރޭގައި ސްވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޒެލެންސްކީ ވިދާޅުވީ އޭނާގެ އެންމެ އިސް ބައިވެރިޔާ ކަމަށްވާ އެމެރިކާގެ ރައީސް މި ސަމިޓްގައި ނެތުމަކީ ރަޝިއާގެ ރައީސް ޕޫޓިން ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް ކަމަށާއި އެހެންކަމުން އެމެރިކާ އިން ފޫޓިން އުފާކުރަން ފުރުޞަތު ނުދިނުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް އަށް މި ސަމިޓުގައި ބައިވެރިނުވެވޭނެ އެވެ. އެމެރިކާ އިން އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރާނެ ކަމަށް ބެލެވިފައިވީ ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ސަމިޓްގައި ނެތުމަކީ ޔޫކްރޭނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
ސުވިޒަލޭންޑުން އެތައް މަހެއް ވަންދެން ރާވާފައިވާ މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރީތި ލޭކް ލޫސަރންގެ ފަސްތަރީގެ ލަގްޒަރީ ބާޖެންސްޓޮކް ހޮޓަލުގައެވެ. އެއީ ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކުގައި އަބަދުވެސް ވަކި ކޮޅަކަށް ނުޖެހޭ ސުލްހައަށް ލޯބިކުރާ ނިއުޓްރަލް ސުޓޭންޑެއް ގެންގުޅޭ ސްވިޒަލޭންޑުން މިފަދަ ހަރަކާތެއް ބާއްވަން ޖެހޭ ކަމަށް ސްވިޒަލޭންޑްގެ ކުރީގެ ރައީސް އެލެއިން ބާސެޓަށް ޒެލެންސްކީ ލަފާ ދެއްވުމާ ގުޅިގެންނެވެ.
އެމެރިކާގެ ސެނެޓްގެ ތެރޭގައި ހިޔާލުތަފާތުވުން އެފެދި ހާޒިރީ ސިޔާސަތުތަކާއި މެދު ޝައްކު އުފެދި ދެ ފިކުރެއްގައި ރައީސް ބައިޑަން ހުންނެވުމަކީ ޔޫކްރޭނަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ފާއިތުވި ހަފުތާތަކުގައި ރަޝިޔާ ސިފައިން ކުރިއެރުންތައް ހޯދަމުންދާއިރު، މި ސަމިޓްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައިވެރިކުރުމަކީ ޔޫކުރޭނުގެ ރައީސް ޒެލެންސްކީ ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމެކެވެ. އެއީ އެމެރިކާގެ ހާރިޖީ ސިޔާސަތު ޔޫކުރޭނާއި މެދު ބަދަލުނުވާ ކަން ހާމަކޮށްދިނުމަށް ކަމަށް ސިޔާސީ މުފައްކިރުން ވަނީ ބުނެފައެވެ.
ޔޫކުރޭނުގެ ރައީސް ޒެލެންސްކީ ބޭނުންފުޅުވަނީ، މުޅި ދުނިޔެ އަދިވެސް އޮތީ ޔޫކްރެއިންގެ ފަހަތުގައިކަން ދެއްކުމަށެވެ. އެމެރިކާ އިން ބުނެފައިވަނީ މި ބައްދަލުވުމަށް ތާއީދުކުރާ ކަމަށާއި ނަމަވެސް މަތީ ފެންވަރުގެ ވަފުދެއް ފޮނުވުމަށް އަދި އެ ގައުމުން ނިންމާފައި ނުވާ ކަމަށެވެ.
ސްވިޒަލޭންޑްގެ ސަރުކާރުން 160 އަށް ވުރެ ގިނަ ގައުމަށް ދައުވަތު ދީފައިވާއިރު، މި ސަމިޓުގެ އަމާޒަކީ "ބައިނަލްއަގްވާމީ ގާނޫނުތަކާއި އދގެ ޗާޓަރުގެ މައްޗަށް ބިނާކޮށް، ޔޫކްރެއިންގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ދުނިޔޭގެ ލީޑަރުން މަޝްވަރާ ކުރާ ފޯރަމެއް ހޯދައިދިނުން ކަމަށް ސްވިޒަލޭންޑް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނަމަވެސް ސަމިޓްގެ ކާމިޔާބީގެ މަގުގައި ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ހަނގުރާމަ ފެށި ގައުމު ކަމަށްވާ ރަޝިއާ މި ސަމިޓްގައި ބައިވެރިނުވުން ކަމަށެވެ. ސްވިޒަލޭންޑުން ބުނަނީ މޮސްކޯއަށް ދައުވަތު ދީފައި ނުވާ ކަމަށާއި އަދި ރަޝިއާ އިން ބުނެފައިވަނީ ދައުވަތު ދިން ކަމުގައި ވިޔަސް މި ކަހަލަ އެއްކޮޅަކަށް ބުރެވެފައިވާ ސަމިޓެއްގައި ބައިވެރި ނުވާނެ ކަމަށެވެ.



