ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްގެ ޝިފޯލް އެއާޕޯޓުގައި މީހަކު ފްލައިޓެއްގެ ބުރަފަތި ތެރެއަށް ދަމައިގެންފިއެވެ.
ކޭއެލްއެމްގެ ފްލައިޓެއް ޑެންމާކުގެ ބިލަންޑަށް ފުރަން ތައްޔާރުވެފައިވަނިކޮށް، ހިނގައިދިޔަ މި ހާދިސާގައި މަރުވީ އެއާޕޯޓުގެ މުވައްޒަފެއް ކަމެއް ނުވަތަ ފުރަން ދިޔަ ފަސިންޖަރެއް ކަމެއް ހާމައެއް ނުކުރެއެވެ. ހާދިސާ ހިނގި ބޯޓަކީ ކުރު ދަތުރުގެ އެމްބްރޭއާ ޖެޓެއް ކަމަށާއި، އެއީ ލަންޑަން ފަދަ ކައިރީގައިވާ މަންޒިލްތަކަށް ދަތުރުކުރާ ކޭއެލްއެމްގެ ސިޓީހޮޕާ ސާވިސްއިން ބޭނުންކުރާ ބޯޓެއް ކަމަށް އެ ގައުމުގެ ނިއުސް ރިޕޯޓްތައް ބުނެއެވެ.
ނެދަލެންޑްސްގެ އެންމެ ބޮޑު އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ޑަޗް ބޯޑަރު ފުލުހުން ބުނީ ބޯޓުން ފަސިންޖަރުން ބޭލުމަށްފަހު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ފްލައިޓުގެ ވަށައިގެން ފުލުހުންގެ ވެހިކަލްތަކާއި ފަޔަރ ޓްރަކްތައް ތިބި ނަމަވެސް އެމީހާ ދަމައިގަތްތަން ފެނުމުން ފްލައިޓުން ދަތުރުކުރަން ތައްޔާރުވެގެން ތިބި އެންމެން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހެންކަމުން މަންޒަރު ދުށް މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ކައުންސިލިން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ޕެސެންޖަރ ޖެޓް އިންޖީނުތަކާ ގުޅުންހުރި އެހެން މަރުތަކެއް ފާއިތުވި މަސްތަކުގައި އެމެރިކާގެ އެކި އެއާޕޯޓްތަކުގައި ވެސް ވަނީ ހިނގާފައެވެ. އެގޮތުން ޖެނުއަރީ މަހު ސޯލްޓް ލޭކް ސިޓީ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓުގެ ބުރަފަތީގެ ތެރެއަށް ވެއްޓި އުމުރުން 30 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައިވާއިރު، މިދިޔަ ޖޫން މަހު ޓެކްސަސްގެ ސެން އެންޓޯނިއޯގައި ޕެސެންޖަރު ބޯޓެއްގެ ބުރަފަތީގެ ތެރެއަށް ވެއްޓި މަރުވީ އެއާޕޯޓްގެ އުމުރުން 27 އަހަރުގެ މުވައްޒަފަކުއެވެ. އަދި ޑަލަސް އިން އެމެރިކަން އީގަލްގެ ފްލައިޓެއް އަލަބާމާގެ މޮންޓްގޮމޭރީ ރީޖަނަލް އެއާޕޯޓަށް ޖެއްސުމުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޯޓެއްގެ ބުރަފަތީގެ ތެރެއަށް ދަމައިގަތުމުން އެއާލައިންގެ މުވައްޒަފަކު ވަނީ މަރުވެފައެވެ.



