ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) އަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވަކި ޖަމާޢަތެއްގެ ގޮތުގައި ބަލައިގަންނަ ކޮމިއުނިޓީއެކެވެ. އެސްއައިޑީއެސް ރަސްމީކޮށް ބަލައިގަތީ 1992 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި އދ.ގެ ކޮންފެރެންސުގައެވެ.
މީގެ ކުރިންވެސް ސިޑްސްގައި ރާއްޖޭގެ އަޑު އިވެއެވެ. އެހެނަސް ވަރަށް ފަނޑެވެ. ރާއްޖޭގެ ރައީސުން ބައިވެރިވިކަމުގައި ވިޔަސް މާޒީގައި ފެނުނީ ހަމައެކަނި ދިވެހިރާއްޖެއިން އިއްވާލާ ބަޔާނެކެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. ހާސްތަނުން ތަފާތެވެ.
މިދިޔަ އަހަރު ތަކުގެ ތެރޭގައި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން އިޤްތިޞާދީ ގޮތުން ކެތްތެރިކަމާއި ހަމައަށް މުހިންމު މައްސަލަތައް ހައްލުކޮށް، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) އަށް ވަރުގަދައަށް ވަކާލާތުކުރި ޤައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ވަނީ މީގެކުރިން ނުފެންނަ ލީޑަޝިޕާއި އިނޮވޭޓިވް ހައްލުތައް ދައްކައިގެން މަސައްކަތްތައް ފުޅާކޮށްފައެވެ.
މާޒީގެ ސަރުކާރުތަކުން ފެށިގެން ރައީސް މުއިއްޒުއާ ހަމައަށް

[ރާއްޖޭގެ ރަބައެއް ރައީސުން - ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހި ސަރުކާރުން އިއްވާފައިވަނީ ބަޔާނެއް. ރައީސް ޑރ.މުޢިއްޒުގެ މޭސްތިރިކަމުގައި ސިޑްސްގައި ވަނީ މިފަހަރު ގިނަ މަސައްކަތެއް ކޮށްފައި. ރައީސް ވަނީ ރިޔާސަތުވެސް ބަލަހައްޓަވާފައި]
2014 އާއި 2015 އާ ދެމެދު ރާއްޖެއިން ވަނީ ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކަށް ބާރުއަޅައި، ސަމޯއާ ޕަތްވޭ ތަންފީޛު ކުރުމަށް ސަމާލުކަން ދީފަ އެވެ. 2016 އިން 2017 އަށް މަޝްވަރާތައް އެނބުރެމުން ދިޔައީ ދަރަނި ދެމެހެއްޓުމާއި، އިންސާފުވެރި ވިޔަފާރިއަށް ވަކާލާތުކުރުމާއި، ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމުގެ މައްޗަށެވެ. 2018-2019 ވަނަ އަހަރުގެ މުއްދަތުގައި ރާއްޖެއިން ވަނީ ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނުރައްކާތެރި އަސަރުތަކަށް އަލިއަޅުވާލާ، ދުނިޔޭގެ މޫސުމާ ބެހޭ ގޮތުން ހަރުދަނާ ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އަސަރުތައް އެންމެ ކުރީގައި އޮތްއިރު، ހަމަހަމަކަމާއެކު ވެކްސިން ބެހުމާއި އިޤްތިޞާދު ރަނގަޅު ކުރުމަށް އެހީތެރިވުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ. 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް އިޢާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ސަމާލުކަންދީގެން ތަރައްޤީވެފައިވާ ޤައުމުތަކުން މޫސުމާއިބެހޭ ގޮތުން ވަރުގަދަ ކޮމިޓްމަންޓްތަކެއް ހެދުމަށް ގޮވާލުން ކުރިއަށް ދިޔަ އެވެ.
ރައީސް މުއިއްޒުއާއި ޖެހުނީމާ ރަނުން ރަނަށް !

[ރައީސް ޑރ.މުޙައްމަދު މުޢިއްޒު - ޖަޒީރާ ޤައުމުތަކަށް އުފަންވެވަޑައިގެންނެވި ސިޑްސް ގެ ހީރޯ]
ރައީސް މުޢިއްޒު ވަނީ މިއަހަރު/2024 ވަނަ އަހަރު ބޭއްވި ފުރަތަމަ އެސްއައިޑީއެސް ބައްދަލުވުމުން ފެށިގެން މި މަސައްކަތްތައް ވަރުގަދަ ކުރައްވާފައެވެ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ އެހީތެރިކަން އަވަސް ގޮތެއްގައި ބޭނުންވާ ކަމަށް ވިދާޅުވެ، ޗެރިޓީއަށް ވުރެ ހަޤީޤީ ރެސިލިއެންސް އަށް ތާޢީދު ކުރުމަށް ކްލައިމެޓް ފައިނޭންސިން އިޞްލާޙުތަކަށް ވަކާލާތު ކުރައްވާފަ އެވެ.
ޑރ.މުއިއްޒުއާއެކު އެސްއައިޑީއެސް / ސިޑްސް
މޫސުމަށް އެޑެޕްޓޭޝަން : މޫސުމަށް އެޑެޕްޓޭޝަންގެ މޮޑެލްއެއް ދައްކުވައިދޭ އިންޑިއާ ކަނޑުގެ ފުރަތަމަ އީކޯ ސިޓީއަކަށް ވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ފުރަތަމަ ފަހަރަށް ސިޑްސްގައި އިއުލާންކޮށްފި އެވެ.
އިޢާދަކުރަނިވި ހަކަތަ : އިޢާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެ ދެމެހެއްޓެނިވި ހަކަތައަށް ބަދަލުވުން ކަށަވަރުކުރުމަށް ދުނިޔޭގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ.
އިޤްތިޞާދީ ކެތްތެރިކަން : އެސްއައިޑީއެސް އިޤްތިޞާދުތަކުގައި ޕްރައިވެޓް ސެކްޓާގެ މުހިންމު ދައުރަށް އަލިއަޅުވާލައްވަމުން ޑރ.މުޢިއްޒު ގޮވާލެއްވީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް ހަރުދަނާކޮށް، އިނޮވޭޓިވް، ދެމެހެއްޓެނިވި ވިޔަފާރީގެ އުޞޫލުތަކަކަށެވެ.

[ބައްދަލުވުންތަކުގެ ރިޔާސަތު ރައީސުލްޖުމްހޫރިއްޔާ ބެލެހެއްޓެވިއިރު، ދުނިޔެއަށް ރާއްޖޭގެ އަޑު އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 7 ބަޔާނެއް ދެއްވާފަ]
ޑިޖިޓަލް ޓްރާންސްފޯމަޝަން : ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އޮން އެސްއައިޑީއެސްގައި. ޑރ.މުޢިއްޒުގެ ސަރުކާރުން “ސްމާޓް މޯލްޑިވްސް” ފަދަ އިސްނެގުމެއް ފަށައި، ޑިޖިޓަލް އިންކްލޫސިވިޓީ އާއި ރެސިލިއެންސް އަށް އަލިއަޅުވާލައި، ރާއްޖެ އަކީ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ކާމިޔާބީގެ ވާހަކައެއްގެ ގޮތުގައި ހުށަހެޅި އެވެ.
ގްލޯބަލް ސޮލިޑަރިޓީއަށް ޑރ.މުޢިއްޒު

[ޔަހޫދީން ފަލަޞްޠީނު މުސްލިމުންގެ ގުނަވަންތައް ބުރިކޮށް، ގައިން ހަން ނަގައި އޭގެއިން ވިޔަފާރިކުރޭ. ބޮލަށް ބޮން އަޅައި މުޅި ނަސްލު ނައްތާލުމަށްޓަކައި ހިންގަމުންދަނީ ބޮޑު ޖަރީމާއެއް. ރައީސް މުޢިއްޒު ވަނީ ސިޑްސްގެ ބައްދަލުވުމުގައި އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކޮށް، އިންސާފު ހޯދަން ވަކާލާތު ކޮށްފައި]
ދުނިޔޭގެ އިންސާފުގެ ފުޅާ މައްސަލަތަކަށް ޑރ.މުޢިއްޒު ވަނީ އަޑުހަރުކޮށް ގޮވާލައްވާފައެވެ. ފަލަޞްޠީނުގައި އިސްރާއީލުން ހިންގާ ޖަރީމާގެ ޢަމަލުތައް ކުށްވެރިކޮށް، އިންސާފުގެ ކުރިމައްޗަށް ނަތަންޔާހޫ ގެނައުމަށް ރާއްޖެއިން ގޮވާލި ރައީސަކު މިނޫނީ އެފަދަ ސްޓޭޖަކުން ނުފެނެއެވެ. އެމަނިކުފާނު ގޮވާލެއްވީ ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށެވެ. އެސްއައިޑީސްގެ ޖަމާޢަތުގެ ނާޒުކުކަމާއި، އެސްއައިޑީއެސްއަށް އެހީތެރިވުމަށް ދުނިޔޭގެ ތަރައްޤީގެ މުއައްސަސާތަކާއި، އދ. އަށް ޑރ.މުޢިއްޒު ގޮވާލެއްވީ މުޅިން ތަފާތު ގޮތަކަށެވެ.
ރައީސް މުއިއްޒުގެ ލީޑަޝިޕަކީ އެސްއައިޑީސް ކޮމިއުނިޓީގެ ތެރޭގައި ރާއްޖެއިން އަދާކުރާ ދައުރަށް ބަދަލު އައުމުގެ ދައުރެކެވެ. މޫސުމަށް އަންނަ އިނޮވޭޓިވް ހައްލުތަކާއި، އިޤްތިޞާދީ ކެތްތެރިކަމާއި، ދުނިޔޭގެ އިންސާފު ހޯދުމަށް ބާރުއަޅައި، ޑރ.މުޢިއްޒު ވަނީ ރާއްޖެގެ ވަކާލާތު އާ އުސްމިންތަކަކަށް ގެންގޮސްދެއްވާފައެވެ. ޑޮކްޓަރުގެ ޑައިނަމިކް އެޕްރޯޗަކީ ކުދި ޖަޒީރާ ޤައުމުތަކުން ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޢަޒުމާއި އިނޮވޭޝަން އާއި އެކު ކުރިއަށް ގެންދެވޭނެ ގޮތުގެ ވަރަށް ފުރިހަމަ މިސާލެކެވެ.
ނޯޓް: މިއީ ޢަބްދުﷲ ޖުނައިދު ލިޔުއްވާފައިވާ ލިޔުމެކެވެ.



