ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދީނީ ކަންކަމަށް ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވައި، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
މެމްބަރު ހުސައިން ވަނީ މިއަދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލުކުރައްވާފައެވެ.
އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މެމްބަރު ހުސައިން ވަނީ ރައީސް މުއިއްޒު ދީނީ ކަންކަމަށް ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ހުޅުމާލޭ އުތުރު ދާއިރާއަށް ދިމާވެފައިވާ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން މިނިސްޓަރާ ހިއްސާކުރެއްވިއެވެ. އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލެ އުތުރު ދާއިރާގައި އިތުރު މިސްކިތްތައް ބިނާކުރުމާއި ގުރުއާން ކްލާސްތައް ފެށުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހުޅުމާލެ އުތުރު ދާއިރާ ނިސްބަތްވާ ދެ ވަނަ ފިޔަވަހީގައި މިދިޔަ މާޗު މަހު ދާއިމީ ދެ މިސްކިތް ހުޅުވިއިރު އިތުރު ހަތަރު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި ދެ މިސްކިތް ބިނާކުރުމަށް މިދިޔަ އޭޕްރީލް މަހު އެޗްޑީސީއިން ވަނީ އިސްލާމިކް މިނިސްޓްރީއާ ބިން ހަވާލުކޮށްފައެވެ. އެއީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 27920 އަކަފޫޓުގެ ބިމަކާއި ތިން ވަނަ ފިޔަވަހިން 21952 އަކަފޫޓުގެ ބިމެކެވެ.



