އުމުރުން ދުވަސްވީ މައިންބަފައިން ކައިރީގައި ގެންގުޅެން ބޭނުންވާ މީހުންނަށް ހައުސިން މަޝްރޫއުތަކުގައި އިތުރަށް ޕޮއިންޓު ދޭން ނިންމައިފިއެވެ.
ސަރުކާރުން މިގޮތަށް ނިންމީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވާނެ ކަމަށް އަންދާޒާ ކުރުމަށްފަހު، އެ މީހުންނަށް އެންމެ ބޭނުންވާ އެއް ކަމަކީ ބޯހިިޔާވަހިކަން ކަމަށް ބަލައިގެންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މައިންބަފައިންނާއެކު ދިރިއުޅެން ބޭނުންވާ އެހެން ނަމަވެސް ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން އެ ފުރުސަތު ނުލިބި ތިބި މީހުންނަށް ހައުސިން ސްކީމުތަކުގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.
"މިހާރު ޑރ. މުއިއްޒު ނިންމަވާފައި އަދި ކެބިނެޓުން ވެސް ފާސްވެގެން އެޑްވައިސް ކުރައްވާފައި އޮތީ މީގެ ފަހުން ހެދޭ ހައުސިން ސްކީމުތަކުގައި އާއިލާއިން އެމީހުންގެ މައިންބަފައިން ބަލާ ކަމަށް ވެއްޖިއްޔާ އިތުރު ޕޮއިންޓުތަކެއް, ސިސްޓަމްތަކެއް ހެދިގެން އެމީހުންނަށް އިތުރަށް ފައިދާވާ ކަހަލަ ގޮތަކަށް މި ލިސްޓުތަކެއް ހެދިގެން ދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، ސަރުކާރުން ދެން އިއުލާންކުރާ ހުރިހާ ހައުސިން ސްކީމްތަކުގައި ވެސް އެއް ފްލެޓެއްގައި މައިންބަފައިންނަށް ތިބެވޭ ގޮތަށް ނުވަތަ ދަރިންގެ ފްލެޓާއި ޖެހިގެން ހުންނަ ފްލެޓުގައި ތިބެވޭ ފަދަ ގޮތަކަށް ޕޮއިންޓު ސިސްޓަމް ބައްޓަންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



