ޖޫން 14 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ލިބިއްޖެއެވެ.
ޕީއެސްއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތް ނުގެނެސްދިނުމުން ގިނަ އަދަދެއްގެ މީހުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
އެ މުބާރާތް ނުގެނެސްދެވުނީ، ޒީނާ ވިދާޅުވި ގޮތުގައި މި ސަރަހައްދަށް ޔޫރޯ މުބާރާތް ދައްކާ ސޮނީ ކުންފުންނަށް ދައްކަން ޖެހިފައި ހުރި ދަރަނި އޭރު ނުދައްކާ އޮތުމުންނެވެ.
އެ ދަރަނި ދައްކާނެ ޕްލޭނެއް އެކުލަވާލުމަށްފަހު މިހާރު ބްރޯޑްކާސްޓިން ރައިޓްސް ޕީއެސްއެމްއަށް ލިބިފައިވާ ކަމަށް ޒީނާ ވިދާޅުވިއެވެ.
ޔޫރޯ މުބާރާތުގެ ހުރިހާ މެޗުތައް އެޗްޑީ ކޮލެޓީގައި ޕިއެސްއެމްއިން ގެނެސްދޭން ނިންމާފައިވާއިރު، އެކަމަށް ބެލުންތެރިން އިތުރު އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެއެވެ.
"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔެސް ޓީވީއިން [ޔޫރޯ މުބާރާތް] ގެނެސްދޭނަން އިރާދަކުރެއްވިއްޔާ." ޒީނާ ވިދާޅުވިއެވެ.
ޖޫން 14 ވަނަ ދުވަހު ފަށާ ޔޫރޯ މުބާރާތް ކުރިއަށްދާނީ ޖަރުމަނުވިލާތުގެ 10 ސިޓީއެއްގަ އެވެ. މި އަހަރުގެ މުބާރާތުގައި ޔޫރަޕްގެ 24 ގައުމަކުން ވާދަކުރާނެއެވެ. ޓީމުތައް ބަހާލާނީ ހަ ގްރޫޕަކަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖުލައި 14 ވަނަ ދުވަހު ބާލިންގައެވެ.



