މި ސަރުކާރަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތެވެ. ދުނިޔޭގެ އެންމެ ބޮޑެތި މާލީ އިދާރާތަކުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ނަސޭހަތް ދެމުން އަންނަތާ ކިތަންމެ ދުވަހެކެވެ. އެއީ ފަހުމުނުވާ ވަރުގެ އުނދަގޫ ނަސޭހަތްތަކެއް ވެސް ނޫނެވެ. ހަރަދުތައް ކުޑަ ކުރުމަށާއި ސަބްސިޑީ، އޭގެ ހައްގުވެރިންނަށް ދިނުމަށެވެ. މަޝްރޫއުތައް ތަރުތީބުކޮށް، ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތަކަށް އިސްކަން ދިނުމަށެވެ. ވެރިކަން ބަދަލުވެ، އާ ސަރުކާރަކުން ހަވާލުވެ، ދައުލަތުގެ ހިސާބުތަކަށް ފީނާލުމުން ހާމަވީ އެ ކަންބޮޑުވުންތަކަށް ކުރިން އޮތް ސަރުކާރުން ސަމާލުކަމެއް ނުދީ އޮތް ކަމެވެ.
ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގިއިރު ބުނަމުންދިޔައީ 'ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލާނެ' ކަމަށެވެ. އެއްވެސް ރޭވުންތެރިކަމެއް ނެތި، ދަރަންޏަށް ވެސް ފައިސާ ނަގައިގެން އެއްވެސް ބޭނުމެއް ނުހިފޭ މަޝްރޫއުތައް ވެސް ހިންގާފައި އެބަހުއްޓެވެ. އަދި އޭގެ މައްޗަށް ނެތް ފައިސާ އުފައްދަން ހުއްޓުމެއް ނެތް ފައިސާ ޗާޕުކުރަމުންދިޔައެވެ. ބޭނުމަކީ ކޮންމެ ހާލެއްގައި ވެސް ވޯޓު ހޯދުމެވެ. އޭރު އަމަލުކުރި ގޮތުގެ ހަގީގަތް މިހާރު އެ އޮތީ ފެންނާށެވެ. އެންމެ ފަހުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ފާޅުކުރެއްވީ އެ ކަންބޮޑުވުމެވެ.
މަޝްރޫއުތައް ހިންގީ ބަޖެޓަށް ބެލުމެއް ނެތި
އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝަފީގު ވިދާޅުވީ ކުރީ ސަރުކާރުގައި ޕަބްލިކް ވޯކްސްގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައި ހުރީ ސަރުކާރު ކުންފުނިތަކާ ކަމަށެވެ. އެކަމަކު ކުންފުނިތަކުގެ ވިސްނުން ހުރީ ކޮންމެހެން މަޝްރޫއު ނިންމުމަކަށް ނޫނެވެ.
"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މަސައްކަތްތައް ރޭވިގެން ދިޔައިރު އަޅުގަނޑުމެންގެ ބަޖެޓަށް ކަތާ ވަރަކަށް ނޫން މަސައްކަތްތައް ކުރެވިފައި ހުރީކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ އޭރު އިތުރަށް ގޯސްވި ސަބަބަކީ ސަރުކާރުގެ ވަކިވަކި ކުންފުނިތަކުން ފައިދާ އިތުރުކުރުމަށް އަމާޒު ހިފާފައި ހުރުމެވެ. ޕަބްލިކް ވޯކްސްއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ. އެއާ އެކު މިނިސްޓަރު ވިދާޅުވީ ކުންފުނިތަކުން އާމްދަނީ އިތުރުކުރަން ހިފާފައި ހުރުމުން އާހިރުގައި ބުރަ ބޮޑުވީ ބަޖެޓަށް ކަމަށެވެ. އޭގެ ބަދަލުގައި ވީހާވެސް ހަރަދު ކުޑަކޮށް، މަޝްރޫއުތައް ވެސް ނިންމަން އަމާޒު ހިފިނަމަ، ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ މިއަދު އެހެން މަސައްކަތްތަކަށް ހަރަދުކުރެވޭނެ ފައިސާއެވެ.
މަޝްރޫއުތަކުގެ އަދަދު ކިތަންމެ ގިނަ ނަމަވެސް، ގިނަ މަޝްރޫއުތަކުގެ މަގްސަދު ވަރަށް ސާފެވެ. އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މަޝްރޫއުތައް އިއުލާންކޮށްފައިވާއިރު، ދައުރުގެ ފަހުކޮޅުގައި ވެސް މިފަދަ މަޝްރޫއުތައް އިއުލާންކޮށްފައި އެބަހުއްޓެވެ. އެހެންވެ ގިނަ މަޝްރޫއުތައް ނުނިމި ހުރުމުން އެ މަޝްރޫއުތަކާ ހަވާލުވާން ޖެހުނީ މި ސަރުކާރަށެވެ.
ސަރުކާރުން ބައެއް ކުންފުނިތަކަށް ވެސް ނުކަތާ ވަރަށް މަޝްރޫއުތައް ހަވާލުކޮށްފައި އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ އޭރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކެވެ. ދިގުލައިގެން ގޮސްފައިވާ އެ މަޝްރޫއުތައް އަވަސްކުރާނަމަ އިތުރަށް ފައިސާ ހަރަދުކުރަން ޖެހެއެވެ. އެއީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އޭރު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އެއަށްވުރެ އެ ކުންފުނީގެ މާލީ ހާލަތު ހުރީ މާ ގޯސްކޮށެވެ.
ފެނަކައިން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 2020 އަދި 2021 ގައި ހަވާލުކުރި 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ހުރީ ފެށުމަށްފަހު ހުއްޓިފައެވެ.

މި ސަރުކާރުގެ ތަފާތު: ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކޮށްފި
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އިގްތިސާދީ ހާލަތު މިފަދަ ގޮތަކަށް އޮތްއިރު، އޭރު ވެސް އަދި މިހާރު ވެސް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާވެސް އަވަހަށް އެޅުމަށް ގޮވާލަމުންނެވެ. އެކަމަށް ކުރީގެ ސަރުކާރުން މާ ބޮޑު ފަރުވާލެއް ނުދީ، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، މި ސަރުކާރުން އިގްތިސާދީ ހާލަތުގެ ގޯސްކަން ގަބޫލުކޮށް، މިހާރު ވެސް ބައެއް ފިޔަވަޅުތައް އަޅާ، އެތައް ގުނައަކުން ވަނީ ހަރަދު ކުޑަކޮށްފައެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މެއި 16ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 14.9 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދު ހުރީ 17.2 ބިލިއަން ރުފިޔާގައެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއާ ހިލާފަށް މިއަހަރުގެ އެ މުއްދަތުގައި އެ ހަރަދުތައް ވެސް ވަނީ 1.8 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.
މި މުއްދަތުގެ އާމްދަނީ ވެސް އަޅާކިޔާލުން މުހިންމެވެ. މިދިޔަ އަހަރު 12.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 9.6 ބިލިއަނެވެ. މިއަހަރު، މެއި 16ގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 10.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސްގެ ގޮތުގައި އެކަނިި ވެސް 10.8 ބިލިއަން ހިމެނެއެވެ.

[މީރާގެ ކައުންޓަރުގައި ބަޔަކު ހިދުމަތް ހޯދަނީ]
މި ސަރުކާރުގެ ވިސްނުމަކީ ހަމަ ހުރެ ބަހައްޓާފައި އެއްވެސް ބޭނުމެއް ނެތި މަޝްރޫއުތަކެއް ހިންގުމެއް ނޫނެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ބުނަނީ މަޝްރޫއުތައް ހިންގާނީ ހަރަދަށް ބަލައިގެން، ތަރުތީބުކޮށްގެން ކަމަށެވެ. މީގެ ކުރިން އައި ސަރުކާރުތަކާއި މި ސަރުކާރާ ދެމެދު ހުރި އެންމެ ބޮޑު އެއް ތަފާތަކީ ވޯޓު ހޯދުމުގެ ބޭނުމުގައި މަޝްރޫއުތަކުގެ ފޮނި ހުވަފެންތަކެއް މި ސަރުކާރުން ނުދައްކާ ކަމެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ދައުރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވެސް ބައެއް މަޝްރޫއުތަކުގެ އަމަލި މަސައްކަތް ފެށުމެވެ. އެއީ މަޑުޖެހިފައި ހުރި މަޝްރޫއުތައް ވެސް ހިންގަމުންނެވެ.
ކުރީ ސަރުކާރުން 'ކުޑަ ރަށެއް، ބޮޑު ރަށެއް' ނުބަލާ މަޝްރޫއުތައް ހިންގަން ފެށީ އިންތިހާބު ކައިރިވެއްޖެކަން އިހުސާސުވުމުންނެވެ. ބޭނުންވީ ވޯޓެވެ. ދައުރުގެ ބޮޑު ބައި ނިމިގެންދިޔައިރު ނިންމުމަށްފަހު ރައްޔިތުންނަށް ދެއްކޭނެ މާ ބޮޑު އެއްޗެއް ނެތެވެ. އާ މަޝްރޫއުތައް އިއުލާންކުރީ އެ ސަބަބާ ހުރެއެވެ. ފައިދާ ވިޔަސް ނުވިޔަސް، މަޝްރޫއު ނިންމުނަސް ނުނިންމުނަސް ވަރިހަމައެވެ. އަދެއް، މާދަމާއެއް ބެލުމެއް ނެތި ފައިސާ ޗާޕުކޮށް، ހަރަދު ކުރަމުންދިޔައީ ބޭނުން ގޮތަކަށެވެ. މަޝްރޫއުތަކުގައި ރޭވުންތެރިކަމެއް، ތަރުތީބެއް ނެތުމާއި އިންތިހާބާ ދިމާކޮށް މަޝްރޫއުތައް އިއުލާން ކުރުމުން ނިޔަތް ރަނގަޅު ނޫންކަން ވަރަށް ސާފެވެ. އަދި މިއަދު އުފުލަން ޖެހިފައިވަނީ އެކަމުގެ ބުރައެވެ.



