އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ރިޝީ ސުނަކް އީރާނުން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ދެއްކި ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އީރާނުން އިސްރާއީލަށް ދިން ހަމަލާއަކީ މިމަހުގެ 1 ވަނަ ދުވަހު ސީރިއާގެ ވެރިރަށް، ދިމިޝްގައި ހުންނަ އީރާނުގެ ކޮންސުލޭޓަށް އިސްރާއީލުން ހަމަލާދީ، އެގައުމުގެ އިސް ބައެއް އޮފިޝަލުންތަކެއް ޝަހީދުކޮށްލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެކެވެ.
ރިޝީ ސުނަކް މި ހަމަލާއާއި ގުޅިގެން ބުނެފައިވަނީ އީރާނުން ދިން ހަމަލާއަކީ ނުރައްކާތެރި އަދި ބޭކާރު ހަމަލާއެއް ކަމަށެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ އެހަމަލާ ހުއްޓުވުމަށް ބައިވެރިވި ފަރާތްތަކުގެ ޕްރޮފެޝަނަލިޒަމް އަދި ހިތްވަރުގަދަ ކަމުގެ އަގު ވަޒަން ކުރަން ބޭނުންވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ރޮޒައިނާ ވަނީ ކުށެއް ނެތް އެތައް ހާސް ކުދިން މެރުމަކީ ނުރައްކާތެރި އަދި ބޭކާރު ކަމެއް ނޫންތޯ ސުވާލު ކޮށްފައެވެ. އަދި ކޮންމެ ފަހަރަކު ކޮންމެ ކަމެއް އިސްރާއީލާއި ޖެހޭއިރު، ގެންގުޅެނީ ޑަބަލް ސްޓޭންޑާޑްސް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި އެއްވެސް ފަހަރަކު އިސްރާއީލަށް ކަމެއް ކުރާއިރު، އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އީރާނުން އިސްރާއީލަށް ޑްރޯން އާއި މިސައިލްގެ ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު، މީގެން ގިނަ ހަމަލާތައް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އުރުދުން ގުޅިގެން ވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވާފައެވެ.








