ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވެއިޒިން ޕޭ ނުވަތަ ވީޗެޓު ޕޭ ބޭނުންކުރަން ރަސްމީކޮށް ސޮއިކޮށްފިއެވެ.
މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޗައިނާގެ ވީޗެޓް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޒިހުނީ ރަޝީދެވެ. އަދި ވީޗެޓްގެ ފަރާތުން ސޮއިކުރެއްވީ ވީޗެޓްގެ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަދި ސައުތުއީސްޓް އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ އެޓިއެން އޭންގްއެވެ.
މި އެއްބަސްވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިއުޓީ ފްރީ އާއި ސަލަ ތައި އަދި ބަންޔަން ޓްރީ ވައްބިންފަރުގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުގައި ވީޗެޓްގެ ބޭނުން ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.
ވީޗެޓް ޕޭ މެދުވެރިކޮށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕީއޯއެސްތަކުން ބޭނުންކުރެވޭނެ ގޮތް އެ ބޭންކުން ވަނީ ހަދާފައެވެ.
ޗައިނާގެ މަޤުބޫލު މި އެޕު ބޭނުންކޮށްގެން ކިއުއާރު ޕޭމަންޓްތަކަށް ފައިސާ ބަލައިގަނެވޭނެ ގޮތް ހަމަޖެހިފައިވާއިރު، މީގެ ކުރިން ވީޗެޓް ޕޭގެ ޚިދުމަތް ލިބެނީ ހަމައެކަނި ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.



