އަންނަ އަހަރު 15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ޤާއިމްކުރަން ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ލޯކަލް ގަވަރމަންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އެ މިނިސްޓްރީން އެންމެ ފަހުން ޒިޔާރަތްކުރި ގިނަ ޕަބްލިކް ވޯކްސް ސައިޓުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތަންތަނުގައި ހުރި ވަސީލަތްތައް ވެސް ހުރީ ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައި ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްވެސް ނެތް ކަމަށާއި، ހިންގުމުގެ ނިޒާމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިގެން ދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ދެމުން އަންނަތާ ތިރީހަކަށް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ޕަބްލިކް ވޯކްސްގެ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު 15 އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ޤާއިމްކުރަން ބަޖެޓުގައި ހިމަނުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ޤާއިމްކޮށްފައި ހުރި ސައިޓުތަކުގައި ހުރި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނީ ލާމަރުކަޒީ ނިމާޒުގެ ތެރެއިން ކައުންސިލްތަކާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



