އިޒްރޭލުން ފަލަސްޠީނަށް ދެމުން އަންނަ ޙަމަލާތައް ވަރުގަދަކޮށްފައިވާއިރު، މިއަދުން ފެށިގެން ޤުނޫތު ނާޒިލާ ކިޔަން ފެށުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްޠީނުގެ ހިތްދަތި ޙާލަތާއި ގުޅިގެން މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.
މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށާއި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މި ވަގުތަކީ އިޚުލާސްތެރިކަމާއެކު ދުޢާކުރަންވީ ވަގުތު ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޤުނޫތު ނާޒިލާއަކީ މުސީބާތެއް ކުރިމަތިވާ ދަނޑިވަޅުގައި އެ މުސީބާތަކުން އަރައިގަތުމަށް ކިޔޭ ޚާއްސަ ޤުނޫތެކެވެ. މީގެ ކުރިންވެސް ފަލަސްޠީނުގެ ޙާލަތާ ގުޅިގެން މި ޤުނޫތު ކިޔާފައިވެއެވެ.
އިޒްރޭލުގެ ޙައްދު ފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް ދުވަހެއް ދުވަހަކަށް އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން އިއްޔެ ދިން ޙަމަލާތަކުގައި ވަނީ ރަފަޙުގެ ޓެންޓުތަކުގައި ހިޔާވަހިކަން ހޯދަމުން އައި މީހުން ދިރި ތިއްބާ އަންދާލާފައެވެ. އަދި ކުޑަކުދިންގެ ބޯ ބުރިކޮށް، އިހާނެތި އެތައް ޙަމަލާއެއް ދީފައެވެ.



