މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މާދަމާ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ އިނާމަށް މިއަހަރު ހުޅުވާލާފައިވަނީ މައިގަނޑު 38 ދާއިރާއަކުން ކަމަށެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ވިޔަފާރި އިދާރާ ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނުވަތަ ސަރުކާރުގެ އިދާރާއަކުންނާއި މިނިވަން މުއައްސަސާ ތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށެވެ. އަދި ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ވިޔަފާރި އިދާރާ ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ލިޔުންތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، http://apply.presidency.gov.mv އަށް ކަމަށެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސް އޮފީހުގެ ރިސެޕްޝަނަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ އިނާމަށް އެދި ހުށަހަޅާ ފޯމު ފޮނުވަންޖެހޭނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހަށް ކަމަށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެދިފައެވެ.
މި އަހަރު ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.



