ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށްގެން ކޮމިޓީއެއް އުފައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެއްދުމަށް ޕީއެންސީން ބޭނުންވި ނަމަވެސް 20 ވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތަކެއް މިހާރު ވެސް ހުރުމުން ކަމަށެވެ.

އެހެން ނަމަވެސް ނާޒިމް ވިދާޅުވީ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެކަމަށް ވަކިން ކޮމިޓީއެއް އުފެއްދޭނެ ކަމަށެވެ. އެ ކޮމެޓީ ޖޫން މަސް ނިމޭއިރު އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކެއް އެ ކޮމިޓީއަށް ދިޔައިމަ އެ ކޮމިޓީގެ ބޭފުޅުންނަށް އެކަންކަން ދިރާސާކޮށް، މިދިޔަ ތަނުގައި މި ދިމާވި މައްސަލަތައް، (މިސާލަކަށް) ގޯތި ދިނުމާއި ގޯތި ހަވާލުނުކުރުމާއި، ފްލެޓް ދިނުމުގައި އެއްބައި ބޭފުޅުން އެބަބުނޭ ބަހާލީއޭ. އަނެއްބައި ބޭފުޅުން އެބަބުނޭ ތިމަންނަމެންނަކީ ހައްގުވެރިންނޭ،" ނާޒިމް ވިދާޅުވި އެވެ.
"އެހެންވީމަ އެގޮތަށް ކޮމިޓީއަކާ މިކަހަލަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއް،"



