ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ މަހާސިންތާ ނުވަތަ ސިޑްސްގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއް ސިނާއަތަކަށް އިގްތިސާދު ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދު ސިންދަފާތުވުމުން އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ވެސް ތަރައްގީ ވާނެ އެވެ. އަދި އެ ނޫން ގޮތަކަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ބޮޑުކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް، އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިވެޓް ސެކްޓާގެ ދައުރު ބޮޑުކުރުމެވެ.
އިގްތިސާދު ކުރިއެރުވުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ރައީސް ވިދާޅުވީ އެ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ.



