ތިނަދޫ ސިޓީގައި ޤަވާއިދާ ޚިލާފަށް އެހެލާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ތިނަދޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ތިނަދޫ ސިޓީގެ އޮޑިވަޅުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް، ކަނޑައަޅާފައިވާ އިމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅަނދު ފަހަރު އެހެލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އޮޑިވަޅު ސަރަޙައްދު ކަމުގައި އެ ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަކީ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ފެށިގެން ތެޔޮ ބާޖު ހެދުމަށް އެ ކައުންސިލުން ދީފައިވާ ބިމާއި ހަމައަށެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ އެ ސަރަޙައްދުގެ ބޭރުންވެސް ގިނަ އުޅަނދުފަހަރުތައް އެހެލާފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެ ކައުންސިލުން ވަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެގޮތަށް އެހެލާފައި ހުރި އުޅަނދުތައް އެ ސަރަޙައްދުން ނަގައި އޮޑިވަޅު އިމުގެ ތެރެއަށް ވާ ގޮތަށް ބަދަލު ކުރުމަށް އަންގާފައެވެ.
އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓް ކޮށްފައިވާ ޤަވާޢިދު 2014/R-199 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އުޅަނދުތަކުގެ ވެރިފަރާތްތައް ޖޫރިމަނާކޮށް އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މިކަމުގެ ތެރޭގައި އެއްވެސް އުޅަނދަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.



