ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދި ހުށަހެޅި މީހުންގެ އަދަދު ގިނަ ވުމުން، އެ ފަރާތްތަކުގެ މެދުގައި ގުރު ނެގުމަށް ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން އިއްޔެ ވަނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތަފްސީލް ގެޒެޓުގައި އިއުލާނުކޮށްފައެވެ. މިފަރާތްތަކުގެ ތެރެއިން 1250، 1650 2050 އަދި 2450 އަކަފޫޓު ގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓްތައް އެ އިއުލާނާއެކު ވަނީ ހިމަނާފައެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން 1250 އާއި 1650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައެޅިފައިވާ ގޯތީގެ އަދަދަށްވުރެ ގިނަކަމުގައިވާތީ ގުޅީފަޅަށް ގޯތި ބަދަލުކުރެވޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުއަތަކުން ކަމަށެވެ.
މި ގުރުއަތު ނެގުން އަންނަ ޖޫން މަހުގެ 4 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ހައުސިންގ މިނިސްޓްރީން ބުނީ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ފަހުން އިއުލާނުކުރާނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ބުނީ އިއުލާންކުރެވުނު ގޯތީގެ އަދަދާއި ގޯތި ބަދަލުކުރުމަށް ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިޢާޔަތްކޮށް، 2450 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ނޯންނާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ގިރާވަރު ފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެދުނު ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވާނެ ކަމަށާއި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާއެއްވާ ނަމަ، އެކަން ލިޔުމަކުން މި މަހުގެ ނިޔަލަށް ހުށައެޅޭނެ ކަމަށެވެ.



