ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޙަވާލުކޮށްފައިވަނީ ސިލްވަރ ލޭންޑް ހޮޓެލްސްއާއެވެ.
މިއަދު މިކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން އެވެ. އަދި ސިލްވަރ ލޭންޑް ހޮޓެލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުޙައްމަދު އެވެ.
މި މަޝްރޫޢާ ގުޅޭ ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވީ ސިލްވަރ ލޭންޑް ހޮޓެލްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 100 ކޮޓަރީގެ ހޮޓެލް އެއް ތަރައްޤީކުރުމަށް ކަމަށެވެ.
މި ހޮޓެލް އަކީ 20 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށާއި މި މަޝްރޫޢު ނިމުމުން 200 ވަރަކަށް ވަޒީފާ އުފެދޭނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިއުން ކަމަށެވެ.



