20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިޚާބުކޮށްފިއެވެ.
އެ ދެ ބޭފުޅުން އިންތިޚާބުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު އެވެ.
މި ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގައި މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރައްވާ ފަސް ޕާޓީގެ މެމްބަރުން ވަނީ ހިމަނުއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ – ޕީއެންސީ
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ – އެމްޑީޕީ
މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް – ޖުމްހޫރީ ޕާޓީ
މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް – އެމްއެންޕީ
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް – އެމްޑީއޭ
މަޖިލީހުގެ ރައީސްގެ މަޤާމަށް އަބްދުއްރަހީމް އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. އަބްދުއްރަހީމްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ނަންފުޅުވެސް މަޖިލީހުގެ ރައީސަކަށް ހުށަހަޅުއްވާފައިވާއިރު، އޭނާއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެގޮތުން މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުވެވަޑައިގެންފައިވަނީ 71 މެމްބަރުންގެ ވޯޓުންނެވެ.
ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައި ވަނީ 80 މެމްބަރުންގެ ވޯޓުންނެވެ. ނާޒިމް ވާދަކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންފައިވަނީ 12 ވޯޓެވެ.
މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ. އަދި ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.



