ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރު ޤާއިމް ކުރެވުނު މަރުކަޒެކެވެ. މި މަރުކަޒުގައި މިހާރު 220 ފަރާތެއް އެބަ ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނެވެ. އޭގެ ތެރެއިން ވެސް އެނދުމަތިވެފައިވާ 15 ފަރާތާއި، ނަފްސާނީ ގޮތުން ބަލި 183 މީހުން ހިމެނެއެވެ. އަދި ޖުމްލަ އަދަދުގެ ތެރެއިން 65 އަހަރުން މަތީގެ 31 ފަރާތެއް ހިމެނެއެވެ.
200 އަށްވުރެ ގިނަ މީހުން އެ މަރުކަޒުގައި ޚިދުމަތް ހޯދަމުން އަންނަ އިރު، އެކަށީގެންވާ ޚިދުމަތްތައް އަދި އެކަށީގެންވާ މާޙައުލެއް އެ ފަރާތްތަކަށް ޤާއިމްވެފައި ނެތްކަމުގެ ޝަކުވާތައް އަޑު އިވޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެތައް ވެރިކަމެއް ނިމިގެން ދިޔައިރުވެސް އެތަނުގައި ހުރި ފާޚާނާތައް ވެސް މަރާމާތު ނުކުރާކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔައެވެ.
ނިމިދިޔަ ސަރުކާރުގައި ގުރައިދޫ މަރުކަޒަށް ފެނިފައިވަނީ އަނދިރި ދުވަސް ތަކެއް
ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގައި ގުރައިދޫ މަރުކަޒަށް އެދެވޭ ޚިދުމަތްތައް ހަރުދަނާ ކުރެވިފައި ނުވާކަމަށް ގިނަ ފަރާތްތަކެއް ވަނީ ބުނެފައެވެ. އެގޮތުން ކަންބޮޑުވާފަދަ އިލްޒާމްތަކެއްވެސް އެމްޑީޕީގެ ވެރިކަމަށް ވަނީ ކޮށްފައެވެ.

2019 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު އާންމު ފަރާތެއް ސޯޝަލް މީޑިއާގައި އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް ޓެގްކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އެތަނުގެ މީހަކަށް އަނިޔާ ކުރިކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެމީހާ ގެންދިޔަ ހިސާބުން ފެށިގެން އެމީހާއަށް އަނިޔާކުރަން ފަށާފައިވާކަމަށް އެމީހާ ވަނީ ތުހުމަތުކޮށްފައެވެ. އަދި އެމީހާ މަރުވެފައި ވަނީ ކުއްލި މަރަކުން ކަމަށްވެސް ލިޔެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން އޭރުގެ ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޚާއްސަ އިސްކަމެއް ދިނުމަށްވެސް އާންމު ފަރާތްތަކުން އައީ ގޮވަމުންނެވެ. އެގޮތުން މަރުކަޒު ތެރެއަށް ވައިރަސް ފެތުރިއްޖެނަމަ "ނިކަމެތި ގޮތްތަކެއް" ކުރިމަތިވާނެ ކަމަށް އަމިއްލަ ފަރާތުން ވަނީ އެކްސްގައި ލިޔެފައެވެ. އެންމެ ފަހުން އެކަމުން ރައްކާތެރިވުމަށް ސަރުކާރަށް ފިޔަވަޅު ނޭޅި އުޅެނިކޮށް ޖެހުނީ އެ މަރުކަޒުގައި ތިބި މީހުން އަދި މުވައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މަރުކަޒު ލޮކްޑައުން ކުރުމަށެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭވަރުގެ ބަލި މީހުންނަށް އަޅާލާ ފަރުވާ ދިނުމަށް ދައުލަތުން ޤާއިމްކޮށްފައިވާ މަރުކަޒެއްގައި ކޮންމެހެން ހުންނަން ޖެހޭ އަސާސީ ގިނަ ޚިދުމަތްތަކެއް ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ނެތް ކަމަށެވެ. އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން:
- ނިދުމާއި ފާހާނާކުރުމާއި، އަންނައުނު ފަދަ ތަކެތި ރައްކާކޮށް ބެހެއްޓުމުގެ ނިޒާމު އެކަށީގެންވާ ވަރަށްވުރެ ދަށް.
- ސައިކޭޓްރިސްޓްގެ ޚިދުމަތާއި، ތަފާތު އެކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމުގެ ވަސީލަތް ނެތް.
- ބަލި މީހުންނަށް އެކަށީގެންވާ ގޮތެއްގައި އަޅާލާނެ ވަރަށް މުވައްޒަފުން ނެތް.
- މިފަދަ ބަލި މީހުންނާއި ގާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު މުވައްޒަފުންނަށް ލިބިފައި ނެތް.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންގެ %83 އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވާއިރު، ނަފްސާނީ އެހީތެރިކަން ބޭނުންވާ މިފަދަ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވޭނެ ގޮތެއް ނެތުމާއި، އަސާސީ ޚިދުމަތްތައް ދެވެން ނެތުމަކީ އެ ފަރާތްތައް އިތުރަށް ނުރައްކަލަށް ހުށަހެޅި، އަދި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމެއްކަން އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ.
6 މަސް ދުވަހުގެ ތެރޭ ގުރައިދޫ މަރުކަޒަށް އަލިކަން
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެމެހެއްޓެނިވި ގޮތެއްގައި ކ. ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު އެ މަރުކަޒުގައި ބޭނުންކުރަމުން އަންނަ މޮޑެލްގެ ދަށުން ފަރުވާއާއި، ރިހެބިލިޓޭޝަންގެ އިތުރުން މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ބުނީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 15 ފަރާތެއް ޢާއިލާތަކާއި އަނބުރާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ރިހެބިލިޓޭޓްކޮށް، އައު ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް
ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ގިނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ޙަވާލުކުރުމަށް ބަލާއިރު، އެ ފަރާތްތަކަށް ހެލިފެލިވެ އުޅުމުގައާއި ވަކި ރޫޓީން އަކަށް ނުވަތަ ވަކި ތާވަލަކަށް ދުވަހުގެ ކަންކަން ބަހާލައި، ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާކަން އިޖްތިމާޢީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ކުރިއަށް ގެންގޮސްފައި ހުރި އަދި ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަން ރާވާފައި ހުރި ކަންތައްތަކުގެ ތެރޭގައި:
- ގުރައިދޫ މަރުކަޒުގައި ތިބި އަންހެން ފަރާތްތަކަށް ޚާއްސަކޮށް، ޕޮލިޓެކްނިކްއާ ގުޅިގެން ކޭކު އެޅުމުގެ ކޯހެއް ވަނީ ކުރިއަށްގެންގޮސްފައި. މި ކޯސް 10 ފަރާތަކުން ވަނީ ފުރިހަމަ ކޮށްފައި.
- ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖްތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ދަނީ ކުރިއަށް ގެންދަމުން.
- ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށްޓަކައި ޚާއްސަ ވާރޑެއް ވަނީ ހުޅުވާފައި.
- ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން އެހެނިހެން ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ރާވާފައި. އެގޮތުން ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ކުރެހުމާއި، އަތު މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި.
އިޖްތިމާޢީ ވުޒާރާއިން ބުނީ މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ އެ ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުން ކަމަށެވެ. ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް ޢާއިލާއާއެކު އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތަކަށް ވީއިރު، އެ ފަރާތްތަކަށް ބޭނުންވާ އޯގާތެރިކަމާއި އަދި އެހީތެރިކަން އުފަލާއި ލޮއެބާއެކު ދިނުމަށް މުޖުތަމަޢުގެ އެންމެހާ ފަރުދުންނަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ސިލްސިލާ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ފަށާފައި
މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ޚިދުމަތްތެރިންނަކީ އޯގާތެރިކަމާއި، އަޅާލުމާއި އެކު، ރައްޔިތުންނާއި ގުޅިގެން ގާތުން ޚިދުމަތްދޭ ބަޔަކަށް ހެދުމުގެ ގޮތުން މުވައްޒަފުންނަށް ސިލްސިލާ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ފަށާފައެވެ.
މި ތަމްރީނު ޕްރޮގްރާމު ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަކީ، އެޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޯގާތެރިކަމާއި، ކުލުނުވެރިކަމާއި، އެހީތެރިވުމުގެ އެދުން އެންމެ ފުރިހަމަ މާނައިގައި އޮވެ، އެކަމަށް ހެޔޮހިތުން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްހެދުމެވެ. އަދި މި މަސައްކަތްކުރުމުގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މުޢާމަލާތުކުރުމުގައި ބޭނުންކުރެވޭނެ އެންމެ ރިވެތި އުސޫލުތަކާއި އާދަތަކަށް އިޖްތިމާޢީ ވުޒާރާގެ ޚިދުމަތްތެރިން އަހުލުވެރިކުރުވުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް 32 މެޑިކަލް އެނދު
މިދިޔަ ޖަނަވަރީ މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ޗެރިޓީ ފަންޑުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ވަނީ ހަދިޔާ ކޮށްފައެވެ. މި އެނދުތަކަކީ ޖުމްލަ 504,000 ރުފިޔާގެ އަގުހުރި ޒަމާނީ ފެންވަރުގެ މެޑިކަލް އެނދުތަކެކެވެ.

މި އެނދުތަކާ ޙަވާލުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ރައްޔިތުންގެ ހައްޤުގައި އޯގާތެރިކަމާއި އަޅާލުމާއިއެކު، އެކަކު އަނެކެއްގެ ދަތިތައް ޙައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަތަން ފެނުމުން އުފަލާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށެވެ.
މުޢިއްޒު މެނިފެސްޓޯ؛ އޯގާތެރި މުޖުތަމަޢު
ރައީސުލްޖުމްހޫރިއްޔ ޑރ މުޙައްމަދު މުޢިއްޒުގެ އެންމެ ޚާއްސަ އިސްކަމެއް ދެއްވާ އެއްކަމަކީ ގެދޮރުވެރިކަމެވެ. އެގޮތުން އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު، ގެދޮރުވެރިކަން ކަށަވަރު ނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިކަމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އިސްކަން ދެއްވާކަމުގެ އެއް ހެއްކަކީ، އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިގެން ދެ ކޮޓަރީގެ 500 އެޕާޓްމަންޓް ހިމެނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެވެ.
މީގެ އިތުރުން އިޖްތިމާޢީ ދާއިރާތަކަށް މިހާރު ދަޢުލަތުގެ ބަޖެޓުން އަހަރަކު އެކަށައެޅޭ މިންވަރު ތިންގުނައަށް އިތުރުކުރުމަކީވެސް އެމަނިކުފާނުގެ ވަޢުދެކެވެ. އަދި ދަޢުލަތުގެ ރައްކާތެރިކަމުގެ ވިއުގަގެ ތެރޭގައި ތިބޭ ފަރާތްތަކަށް ފެންވަރު ރަނގަޅު މަރުކަޒުތަކެއް ޤާއިމްކުރުމާއި އެފަދަ މަރުކަޒުތަކުގައި ޚިދުމަތްކުރާނެ ތަމްރީނު ލިބިފައިވާ ފަރާތްތަކުގެ އަދަދު ބޮޑުތަނުން އިތުރުކުރުމަކީވެސް އެމަނިކުފާނުގެ ވައުދެކެވެ. މީގެ އިތުރުންވެސް އިޖްތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ ހުރިހާ އެހީތެރިކަމެއް އަދި އިނާޔަތަކުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މަހުރޫމްވިޔަ ނުދިނުމަކީވެސް އެމަނިކުފާނުގެ ވައުދެކެވެ.



