ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވެސް އިން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445" ގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު ސޮއި ކޮށްފިއެވެ.
މިކަމަށްޓަކާ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ސައީދު އަލީ އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު އަހުމަދު ޔާމިން އެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިދިޔަ އަހަރުވެސް ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމަލޭގައެވެ. ހަމަ އެގޮތުން މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އީދު ބައިބަލާ ޗެލެންޖަކީ މިއަދާ ހަމައަށް ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ފޯރިޔާއި އެކު ކުރިއަށްދާ މުބާރާތެއް ކަމުން، މި މުބާރާތަށް ޓީމުތަކުން މިހާރުވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރީތަށް ވަމުންނެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީ އާއި އެކުގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުމާލެ ސެންޓްރަލް ޕާކުގައި މުބާރާތުގެ ތައްޔާރީތަށް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. މި މުބާރާތުގެ ޓައިޓުލް ސްޕޮންސާ އަކީ އެމްޓީސީސީ އެވެ. މީގެ އިތުރުން އެޗްޑީސީ އާއި އެސްޓީއޯ އަދި ހަށިހެޔޮކަމާބެހޭ ވުޒާރާއަކީވެސް މި މުބާރާތުގެ ޕާޓްނަރުންނެވެ.
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.



