ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ
ޕަޕުއާ ނިއު ގިނީގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަުން ވަޅުލެވުނު މީހުން އަދަދު 2000 އަށް ވަނީ އަރައިފައެވެ.
މި ހާދިސާއާ ގުޅިގެން ރައީސްގެ މެސެޖުގައި، މިދިޔަ ހުކުރު ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޖަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރެއްވިއެވެ. އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
އެ މަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޕަޕުއާ ނިއުގިނީގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި، އެކުވެރި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ޤައުމެއްގެ ގޮތުން، ދިވެހި ރައްޔިތުން ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައިވެއެވެ.
އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވައި، ފުރާނަ ގެއްލުން ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުން ރައީސް އެދިވަޑައިގެންނެވިއެވެ.
ޕަޕުއާ ނިއު ގިނީން ހޯމަ ދުވަހު އދ.އަށް އަންގާފައި ވަނީ ބިންހެލުމެއް އައިސް މައުންޓް މުންގަލޯ ފަރުބަދައިގެ ބައެއް ވެއްޓި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 2،000 އަށް ވުރެ ގިނަ މީހުން ވަޅުލެވިފައިވާ ކަމަށެވެ.
އެހެންވެ، އެ ގައުމުން ދަނީ އެހެން ގައުމުތަކުގެ އެހީތެރިކަމަށް އެދެމުންނެވެ.
އެ ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ބިންހެލުމުގެ ސަބަބުން އިމާރާތްތަކާއި ކާބޯތަކެތި ހައްދާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގައުމުގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އެ ގައުމުގެ ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ.



