ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ޚާއްސަ ވާރޑެއް ހުޅުވައިފިއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މިއީ ގުރައިދޫ މަރުކަޒުގައި ތިބޭ މީހުންނަށް ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރު ޕްރޮގްރާމްތަކާއެކު ފަރުވާ ފުރިހަމަކުރުމަށްފަހު ޢާއިލާތަކަށް ރުޖޫޢަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް އަލަށް ޤާއިމްކުރި ވާރޑެއް ކަމަށެވެ. މި ވާރޑް ޚާއްސަކުރެވިފައިވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ، މުޖުތަމަޢަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށެވެ.
ގެއެއްގެ ގޮތަށް ފަރުމާކޮށްފައިވާ މި ވާރޑަކީ 10 މީހުންގެ ޖާގައިގެ ވާރޑެކެވެ. ފިރިހެނުންނަށް ޚާއްސަކޮށްގެން މިފަދަ އެހެން ވާރޑެއއް އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ވާރޑް ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރުތަކާއި އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.
1976 ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެޙިއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ތިބީ ޖުމްލަ 220 ފަރާތެވެ. މީގެތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 ފަރާތާއި، ނަފްސާނީގޮތުން ބަލި 183 މީހުންނެވެ.



