މާލެ ސަރަޙައްދުގެ ހުރިހާ މިސްކިތްތަކެއް ސާފުކުރުމަށް ދިވެހިންނާ ހަވާލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތާއި އަދި ވިލިމާލޭގެ 2 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުން އަންނަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން ކަމަށެވެ.
މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ދިވެހިން ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުވަރީ މަހުއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މިސްކިތްތައް ސާފުކުރާނެ 114 ދިވެހިން ހޯދުމަށް ކަމަށެވެ. ނަމަވެސް އެފަހަރު އެކަށީގެންވާ ތަރުޙީބެއް ނުލިބުމުން ދެވަނަ ފަހަރަށް ވަނީ އިއުލާނުކޮށްފައެވެ. ދެވަނަ ފަހަރަށް އިއުލާނުކުރުމުން 200 އަށްވުރެ ގިނަ މީހުން ކުރިމަތިލިކަމަށް ކައުންސިލުން ބުންޏެވެ.
މި މަސައްކަތް ކުރާ މީހުންގެ މުސާރައިގެ ގޮތުގައި 12000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.



