ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުނު ހާދިސާއަށްފަހު، މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އެއްޗެހި ސްޓޭންޑަޑައިޒް ކުރަން ފެނަކައިން ނިންމައިފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަށްރަށުގެ މަގު ބައްތިތައް ވަކި ހަމައަކަށް ފެއްތުމަށް ރަށް ރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގިނަ ރަށްރަށުގެ މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައި ނުހުންނަކަން ފާހަގަކޮށް ފެނަކައިން ބުނީ އެގޮތަށް ހުންނަ މަގު ބައްތިތައް އެންމެ ރައްކާތެރި ނުވާތީ އެކަން ޙައްލުކުރަން ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި އިންސްޕެކްޝަނެއް ހަދަން ނިންމާފައިވާ ކަމަށެވެ.
ގިނަ ރަށްރަށުގެ މަގު ބައްތިތަކަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިން ނަމަވެސް އެ އެއްޗެހި ބަލަހައްޓަނީ ރަށު ކައުންސިލްތަކުންނެވެ. ފެނަކައިން ބުނީ އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި، ޕަބްލިކް ތަންތަނުގައި އީއެލްސީބީ ހުރީ ހަރުކޮށްފައިތޯ ޔަޤީންކުރެވިގެންދާނެ ކަމަށެވެ.
ފެނަކައިން ބުނީ މި ހަފްތާގެ ތެރޭގައި އިންސްޕެކްޝަން ނިމޭނެ ކަމަށާއި، އެޔަށްފަހު ޙައްލު ކުރަން ހުރި ކަންތައްތައް ޙައްލު ކުރުމަށް ކައުންސިލްތަކަށް ވަކި މުއްދަތެއް ދެވިގެންދާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކަންތައްތައް ޙައްލު ނުކޮށްފިނަމަ އެތަނަކަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާނެކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ރާއްޖޭގެ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެއެވެ.
އުނގޫފާރުގައި ހިނގި ހާދިސާގައި ކަރަންޓުގައި ޖެހުނު ދެ ކުދިންގެ އިތުރުން، އެ ކުދިން ސަލާމަތް ކުރަން އުޅުނު 18 އަހަރުގެ ޒުވާނެއްވެސް ހިމެނެއެވެ. އޭގެ ތެރެއިން ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ޒުވާނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.



