އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުން އަންނަ ޙަމަލާތަކުން ސަލާމަތްކޮށް، ފަލަސްޠީނުގެ އިތުރު ކުއްޖަކު ރާއްޖެ ގެނެސްފިއެވެ.
އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ "ޚިދުމަތް" ޖަމިއްޔާއިން ރާއްޖެ ގެނެސްފައިވަނީ ނަދާ ކިޔާ އުމުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ. ނަދާއަކީ މަޝްހޫރު ދިވެހި ގާރީ، އަބްދުއްސައްތާރު އަބޫބަކުރުގެ އާއިލާއާ ގުޅުން ހުރި ކުއްޖެކެވެ.
ދިވެހިންގެ އެހީގައި ނަދާ ރާއްޖެ ގެނެސްފައިވާއިރު ޚިދުމަތް ޖަމިއްޔާއިން ބުނީ ނަދާގެ ކިޔެވުމުގެ ޚަރަދުވެސް ދިވެހިން ދޭ އެހީއިން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޚިދުމަތް ޖަމިއްޔާއިން ބުނީ އިސްލާމީ ލޭ ހިނގާ އުޚުތަކަށް މިއަދު މަރުޙަބާ ކިޔަނީ ލޮއެބާއި އޯގާތެރިކަމާއެކު ކަމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އޭއައިސީ)ގެ އެހީގައި މިދިޔަ ހަފްތާގައި ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލަސްޠީނަށް ނިސްބަތްވާ ޕްރޮފެސަރެއް ކަމަށްވާ ޑރ. ކުރުދީގެ އާއިލާވެސް ރާއްޖެ ގެނެސްފައެވެ.
އިޒްރޭލުން ފަލަސްޠީނަށް ދެމުން އަންނަ ޙަމަލާތައް ވަރުގަދަކޮށްފައިވާއިރު، ރަފަހްގައި ތިބޭ މީހުން މިސްރަށް ބޭރުކުރުމަށްޓަކައި ބޮލަކަށް 5000 ޑޮލަރު ދައްކަން ޖެހެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްޠީނަށް ދެމުން އަންނަ ޙަމަލާތަކުގައި މިހާތަނަށް 35,984 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 80,643 މީހުން ވަނީ ޒަޚަމްވެފައެވެ.



